ވަކި މީހަކަށް ތާއީދު ނުކުރަން ނިންމީ މާޒީގެ ތަޖުރިބާ އަށް ބަލާފައި: ގާސިމް

ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް ވަކި ބޭފުޅަކު ގެނައުމަށް މިފަހަރު މަސައްކަތް ނުކުރައްވަނީ މާޒީގެ ތަޖުރިބާއަށް ބަލާފައި ކަމަށް އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ. އިންތިހާބުގެ ނަތީޖާއަށް ފަހު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ގާސިމްގެ އަމިއްލަ މީޑިއާ ވީޓީވީ އާއި ވީއެފްއެމް މެދުވެރި ކުރައްވާ މިރޭ ދެއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ ކުރީގެ ތަޖުރިބާއަށް ބަލާއިރު ރައީސް އަކަށް ވަޑައިގަންނަވާ ބޭފުޅަކު ވަކި ކަހަލަ ކަންތައްތަކެއް ކުރެއްވުމުން އެމީހަކު ވެރިކަމަށް ގެންނަން އިސްކޮށް އުޅުނު ފަރާތްތައް "ބަދުނާމުވެ، ލަދުގަންނަން ޖެހޭ" ކަމަށެވެ. "އަޅުގަނޑު މީގެ ކުރިން ވެސް ދަންނަވާފައި ވާނީ އެއްވެސް ބޭފުޅަކު ވެރިކަމަށް ގެންނަން ދެން މަސައްކަތެއް ނުކުރާނަމޭ. މިއަދުވެސް އެގޮތުގައި އަޅުގަނޑު މިހުރީ،" ގާސިމް ވިދާޅުވި އެވެ. "ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ކުރިމަތީގައި މި ވަގުތު ދެ ކެންޑިޑޭޓަކު އެބަ ތިއްބެވި. އެ ދެ ކެންޑިޑޭޓުންގެ ތެރެއިން ގައުމުގެ ރައީސް ކަމަށް ބޭފުޅަކު އިހުތިޔާރު ކުރުން މިއަދު މިވަނީ ތިޔަ ލޮބުވެތި ރައްޔިތުންގެ އަތްމަތީގައި." މިފަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޕާޓީގެ ކައުންސިލުން ވެސް ނިންމާފައިވާ ކަން ގާސިމް އިއުލާން ކުރެއްވި އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާ ޕީޕީއެމްގެ އަބްދުﷲ ޔާމީނާއި އެމްޑީޕީގެ މުހައްމަދު ނަޝީދު ވެސް ވަނީ ގާސިމްގެ ތާއީދަށް އެދިވަޑައިގެންފަ އެވެ. ގާސިމް ވިދާޅުވީ ސިޔާސީ ގޮތުން އޭނާ މަސައްކަތް ކުރަން ފެއްޓެވީ ވަރަށް ހެޔޮ ނިޔަތުގައި ކަމަށެވެ. އެގޮތުން ދައުލަތުގެ ތިންބާރު ވަކިވެފައި އޮތުމާއި ރައީސް ކަމުގައި އެކަކަށް ހުރެވޭނެ އެންމެ ދިގު މުއްދަތަކީ ފަސްއަހަރުގެ ދެ ދައުރު ކަމުގައި ހަމަޖައްސަވާ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ވެފައިވާ ގާނޫނު އަސާސީއެއް ގެނައުމުގެ މަސައްކަތް ކުރެއްވީ އަންނަން އޮތް ޖީލްތަކުގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އިންތިހާބުގައި ބައިލައްކައެއްހާ ރައްޔިތުން އޭނާ އަށް ވޯޓުދީފައިވާ ކަމަށާއި ރާއްޖެއަށް އޭނާ ކޮށްދެއްވާ ހިދުމަތްތައް ގަބޫލުކޮށް ހެޔޮދުއާ ކުރާ އެތަކެއް ހާސް ރައްޔިތުން ތިބި ކަން އެނގިގެން ހިނގައްޖެ ކަމަށެވެ. "އަޅުގަނޑުގެ އުފަލަކަށް ހެދީ މި ފަސްގަނޑުގައި ބޮޑެތި އިންވެސްޓްތައް ކުރުން. މި ގައުމު ބިނާކުރުން. މި ގައުމުގެ ދަރީންނަށް ކިޔަވައިދިނުން. މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ލޮލުން އޮހޭ ކަރުނަވެސް އުފާވެރި ހިނިތުންވުމަކަށް ބަދަލުކޮށްދިނުމަށް،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެރިކަމަށް ކުރިމަތިލެއްވީ ގައުމު އާރާސްތުކޮށް ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ވެރިކަމުގައި ރައްޔިތުންނަށް އަބަދުވެސް އިހުސާންތެރިވެ ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރި ނުވުމަށް ވައުދުވެ ވަޑައިގެންފައިވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރުގެ ވެސް އެންމެ މަތީ މަސްލަހަތަކީ ރައްޔިތުންނާއި ގައުމު ކަމަށާއި ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް ލިބިގެން ދިޔުމަކީ އަބަދުވެސް ދުއާ ކަމަށެވެ. "އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވާދަކުރީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް އޮތް ޝައުގެއްގެ ބޮޑުކަމުން. ދިވެހި ގިނަ ރައްޔިތުންގެ ނިކަމެތި ހާލަތާއި ހިތްދަތި ދިރިއުޅުން ވަރަށް ގާތުން ފެނި އަޅުގަނޑުގެ ހިތަށް ކެތް ނުވެގެން. މުޅި ގައުމަށް އުފާފާގަތިކަމާ ތަނަވަސްކަން ގެނެސްދެވޭނެ ވިސްނުންތަކެއް އަޅުގަނޑުގެ ހުރީމައި،" ބަޔާނުގައިވެ އެވެ. ރިޔާސީ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގެންނެވީ ވޯޓުލީ 208،504 މީހުންގެ 23.34 ޕަސެންޓެވެ. އެއީ 48،131 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ