ކެޓަޕިލާ އިން މޫސައާ ދެކޮޅަށް ކުރި ދައުވާ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި
ކެޓަޕިލާ ފައިނޭންޝަލް ސާވިސަސް އޭޝިއާ ކުންފުނިން ހެވީ ލޯޑަށް ދޫކޮށްފައިވާ ލޯނެއްގެ ނުދައްކައި އޮތް ބައި ހޯދުމަށް އެ ލޯނަށް ގެރެންޓީ ދީފައިވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު )ރީކޯ މޫސަ(އާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އިއްޔެ ހުކުމް ކޮށްފި އެވެ. ސިވިލް ކޯޓުގެ ގާޒީ އާއިޝާ ޝުޖޫން މުހައްމަދު ކުރެއްވި ހުކުމުގައި ވަނީ އެ މައްސަލާގައި ދެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ލޯނަށް ގެރެންޓީ ދިނުމަށް މޫސަ ސޮއިކުރެއްވި އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމުގައިވާ މައްސަލަތައް ބަލާނީ ސިންގަޕޫރުގެ ކޯޓުތަކުން ކަން އެނގޭ ކަމަށެވެ. ކެޓަޕިލާ އިން މޫސަގެ މައްޗަށް ދައުވާކުރަނީ އެ ކުންފުނިން ހެވީ ލޯޑަށް ދޫކޮށްފައިވާ ލޯނު ނުދެއްކުމުން އެ ފައިސާ އަށް މޫސަ ޒިންމާވާން ޖެހޭނެ ކަމަށް ބުނެ އެ ފައިސާ އޭނާގެ އަތުން ހޯދުމަށެވެ. މޫސަ ގެރެންޓީ ދެއްވައިގެން 2007 ވަނަ އަހަރު ކެޓަޕިލާ އިން ހެވީ ލޯޑަށް ނެގި 700،000 ޑޮލަރުގެ ތެރެއިން ނުދައްކާ އޮތް 189،446 ޑޮލަރު ދެއްކުމަށް 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެސް ސިވިލް ކޯޓުން ހުކުމެއް ކޮށްފައި ވެ އެވެ. އެ ކުންފުންޏަށް 2.9 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް އެ ލޯނަށް މޫސަ ޒިންމާވާންޖެހޭނެ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް މޫސަގެ މައްޗަށް ކެޓަޕިލާ އިން ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އެ ދައުވާ މޫސަގެ މައްޗަށް ނުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ