ރޮޒެއިނާގެ ހުރިހާ ހަމަލާއެއް ޝާހިދަށް!

ޑީއާރްޕީގައި ކުރިން އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވުމަށްފަހު، ދާދިފަހުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް، ޑީއާރްޕީގެ އާ ޑެޕިއުޓީ ލީޑަރު އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެ، ޝާހިދަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ޑީއާރުޕީގެ ކޮންގްރެސް ނިންމުމުގެ ގޮތުން އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، ސާހިދުގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ޕޯޑިއަމްތަކުގައި ޝާހިދު ދައްކަވާ ވާހަކަތައް ދެން ޤަބޫލު ނުކުރައްވާނެ ކަމަށެވެ.
އެމްޑީޕީއާއި ޝާހިދު ގުޅިވަޑައިގަތް ރޭ އެމްޑީޕީގެ ޕޯޑިއަމްގައި ހުންނަވައިގެން، އެމްޑީޕީގެ ރަން ރީނދޫ ކުލައާއި، ޕީޕީއެމްގެ އަސުރުމާ ކުލައަކީ ކިހާ އަވަހަކަށް ފޮހެވިގެންދާ ދެ ކުލަކަން، އަބްދުﷲ ޝާހިދު ކުރިން ވިދާޅުވެދެއްވާފައިވާ ކަމަށެވެ.
އަދި ހަމަ ޑީއާރުޕީގެ ޕޯޑިއަމްގައި ހުންވައިގެން، އަބަދުވެސް ދާއިމަށް ދެމިގެން އޮންނާނީ ކަނޑުގަ އޮތް ނޫކުލަ އާއި، އުޑުގަ އޮތް ނޫކުލައޭ ވެސް ވިދާޅުވީ ހަމަ ޝާހިދުކަމަށް ވިދާޅުވެ ރޮޒައިނާ ވަނީ ޝާހިދަށް ހަޖޫ ޖައްސަވާފަ އެވެ.
"އެމްޑީޕީން އެންމެ ފަހުން ބޭއްވި ޖަލްސާގައި އަބްދުﷲ ޝާހިދު ވިދާޅުވި އިރުގެ ރަން ދޯދިތަކުން ޖައްވު އުޖާލާ ވާހަކަ. ހަމަ މި ނޫ ޕޯޑިއަމްގައި އަބްދުﷲ ޝާހިދު ވިދާޅުވެ ދެއްވި އެއީ ކިހާ ކުޑަ ހިނދު ކޮޅެއްގެ ކަމެއްކަން. އަދި އަސުރަކަށް ފޮޅޭ އަސުރުމާ އިންނަނީ ކިހާ ކުޑަ ހިނދުކޮޅެއްގައިކަން ވެސް ވިދާޅުވި. މި ވާހަކައިގެ ފުރަތަމަ ބައި މި ޕޯޑިއަމްގައި ވިދާޅުވެ ދެއްވި. ނަމަވެސް މިވާހަކަ ފުރިހަމައަށް ވިދާޅުވެ ދެއްވާފަ އޮތީ. އަބަދު ވެސް ދާއިމަށް ދެމިގެން އޮންނާނީ ކަނޑުގަ އޮތް ނޫކުލަ އާއި އުޑުގަ އޮތް ނޫކުލައޭ ވެސް މިއީ މި ޕޯޑިއަމްގައި އަބްދުﷲ ޝާހިދު ވިދާޅުވެ ދެއްވި." ރޮޒެއިނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި ރޮޒައިނާވަނީ، ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބުކުރާނެ ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތަކާ ގުޅިގެން އެމްޑީޕީއަށްވެސް ވަރަށް ބޮޑަށް ފާޅުވިދާޅުވެ، އެއްބުރުން އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.
އަދި ބޮޑުމަންޒަރު ދެއްކުމަށް ކަމަށްބުނެ، އެމްޑީޕީއިން ހިންގަމުންދާ ކެމްޕެއިންތައް ކުރިއަށްގެންދަނީ ފައިސާ ދީގެން ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.
"މިހާރު މި ފެންނަނީ ބޮޑު މަންޒަރެއް ދައްކަން އުޅޭތަން. ބޮޑު މަންޒަރު ހާލަތު ހުރާ ކައުންސިލްގެ މެންބަރުން އަޅުގަނޑަށް ކިޔައި ދެއްވި. އެމްޑީޕީގެ ދިދައެއް ބަހައްޓައިދޭ ކޮންމެ ގެއަކަށް ކޮންމެ މަހަކު ދެހާސް ރުފިޔާ ދޭނަމޯ. މިއީ ބޮޑު މަންޒަރު އިނގޭތޯ؟ ލޯބިން ދިދައެއް ޖަހާލާނެ މީހަކު ނުވެގެން މަހު މުސާރަ ދީގެން ދިދަ ބަހައްޓަނީ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރޮޒައިނާވަނީ، ޕީޕީއެމްއަށްވެސް ފާޑުވިދާޅުވެ، ޑީއާރުޕީ ނެތިކޮށްލުމަށް ޕީޕީއެމް އިން ކުރި މަސައްކަތް ނާކާމިޔާބުވެ، މިއަދު ފެނިގެންދަނީ ޕީޕީއެމް ރޫޅިގެން ގޮސް، އެންމެ ފަހުން ބޭއްވި ޕްރައިމަރީވެސް ކޯޓު މަރުހަލާގައި އޮތް ތަންކަމުގައި ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ