ބިލް ނުދައްކާ ފިހާރައަކުން ކަރަންޓު ކަނޑާނުލާން ހިތަދޫ ކޯޓުން ފެނަކައަށް އަމުރުކޮށްފި
ކޯޓަށް ހުށަހެޅި މައްސަލައެއްގައި ގޮތެއް ކަނޑައަޅަންދެން ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ހިދުމަތް ދީފައި ބޭއްވުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެ ކުންފުނީގެ މައްޗަށް މިރޭ ވަގުތީ އަމުރެއް ނެރެފި އެވެ. މިދިޔަ މާޗް މަހުން ފެށިގެން ވިޔަފާރިތަކުގެ ކަރަންޓް ބިލަށް ގެނައި ބަދަލާ ގުޅިގެން އައްޑޫގެ ގިނަ އަދަދެއްގެ ވިޔަފާވެެރިން ފާއިތުވި ދެ މަހުގެ ބިލް ނުދައްކައި މަޑުކޮށްގެން ތިއްބައި، މިއަދު ހިތަދޫ ފިހާރައަކުން ކަރަންޓް ކަނޑާލުމުން އެ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. ހިތަދޫ ކަސްރަތީގެ މުހައްމަދު މޫސާ އެ މައްސަލަ ހުށަހެޅީ އޭނާގެ ފިހާރަ އެމްއެމް ޓްރޭޑާސް އިން މެންދުރު ފަހު 3:15 ގައި ކަރަންޓް ކަނޑާލުމާ ގުޅިގެންނެވެ. މި މައްސަލާގައި ފެނަކައިގެ މައްޗަށް އޭނާ ކުރި ދައުވާއާ ގުޅިގެން ހިތަދޫ ކޯޓްގެ މެޖިސްޓްރޭޓް އަބްދުﷲ ފާރޫގު އިބްރާހީމް ސޮއި ކުރައްވައި ނެރުއްވި ވަގުތީ އަމުރުގައި ބުނެފައި ވަނީ އެމްއެމް ޓްރޭޑާސް އިން ކަރަންޓް ކަނޑާލައިފައި ވަނީ ކަރަންޓް ހިދުމަތުގެ އަގު މާޗް މަހު ދެގުނަ ބޮޑުކޮށްފައިވާތީ، ބިލް އިސްލާހުކޮށް ދޭން އެދި ފެނަކަ އަށް ހުށަހަޅައި، އެއަށް ޖަވާބެއް ނުލިބި ވަނިކޮށް ކަމަށެވެ. "ކޯޓުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި މުހައްމަދު މޫސާ ހުށަހެޅި ހުށަހެޅުމަށް ބެލި އިރު، ކަރަންޓްގެ ހިދުމަތް އެ ފިހާރައިން ކެނޑިފައި އޮތުމަކީ އެކަމުގެ ސަބަބުން ފިހާރައިގެ ވެރިފަރާތުގެ ހައްގާއި އަދި އެ ފިހާރައިން ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބިދާނެ ކަމަކަށް ވާތީ އެމްއެމް ޓްރޭޑާސް ހިންގާ އިމާރާތަށް ކަރަންޓްގެ ހިދުމަތް މެދުނުކަނޑައި މި ވަގުތަށް ފޯރުކޮށް ދިނުމަކީ ޒަރޫރަތެއް ކަމަށް ފެންނާތީ ހުށަހެޅިފައިވާ ގަޟިއްޔާ ވަކި ގޮތަކަށް ނިމެންދެން ނުވަތަ މި ކޯޓުން ތިޔަ ކުންފުންޏަށް ވަކި ގޮތަކަށް އަންގަންދެން އެމްއެމް ޓްރޭޑާސް އިން ކަނޑާފައިވާ ކަރަންޓްގެ ހިދުމަތް ވަގުތުން ދިނުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަންގައި އަމުރުކޮށްފީމެވެ." ވަގުތީ އަމުރުގައިވެ އެވެ. މިފަދަ އަމުރެއް ނެރެފައި މި ވަނީ ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން ގިނަ އަދަދެއްގެ ވިޔަފާވެރިން ކޯޓަށް މައްސަލަތައް ހުށަހަޅާފައި ވަނިކޮށެވެ. ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓް ބިލަށް ގެނައި ބަދަލާ ގުޅިގެން އައްޑޫގެ ވިޔަފާވެރިން ވަނީ ބިލް ނުދައްކާނެ ކަމަށް ބުނެފަ އެވެ. އަދި މާޗްގެ ކުރިން ބިލް ހަދަމުން ދިޔަ ރޭޓްތަކުގައި ބިލް ހެދުމަށް އެދި ވިޔަފާވެރިން ވަނީ ފެނަކަ އަށް ސިޓީ ފޮނުވައިފަ އެވެ. އެހެން ނަމަވެސް އެ ސިޓީތަކަށް ޖަވާބެއްް ނުލިބޭތީ ވިޔަފާވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަމަކު މިރޭ ކޯޓުން ނެރުނު ވަގުތީ އަމުރަކީ ހުރިހާ ވިޔަފާވެރިން ކުރަމުން ދިޔަ މަސައްކަތްތަަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ މީހުން ބުނެ އެވެ. މާޗް މަހާއި އެޕްރީލް މަހުގެ ބިލް ނުދައްކައި ތިބި ފަރާތްތަކަށް ފެނަކައިން މިހާރު ވަނީ ރަތް ބިލް ފޮނުވައިފަ އެވެ. އެ ބިލްގައިވާ ގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަރަންޓް ބިލް ދައްކަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ކަރަންޓް ކަނޑާލާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ