ޑިމޮކްރަސީއަށް ދިވެހިން ދަނީ ފައްކާވަމުން: ގާސިމް

ޅަފަތުގައި އޮތް ޑިމޮކްރަސީގެ އުސޫލުތައް ދިވެހިން ބަލައިގަންނަމުންދާ ކަމަށާ، އެއުސޫލުތަކަށް ދިވެހިން އަހުލުވެރިވަމުންދާ މަންޒަރު ރާއްޖޭގެ އެކިކަކޮޅުތަކުން ފެންނަމުންދާތީ އުފާކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ފ. ފީއަލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިން މިއަދު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޤާސިމް އިބްރާހިމް ވިދާޅުވީ ޑިމޮކްރަސީގެ އަސާސްތައް ރައްޔިތުން ބަލައިގަންނަމުންދާތީ ރައްޔިތުންގެ އުއްމީދުތައްވެސް ހާސިލްވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާ، އެއީ ޑިމޮކްރަސީ ފައްކާވަމުންދާ ކަމުގެ މިސާލެއް ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާސީ ލީޑަރުން ރަށްރަށަށް ވަޑައިގަތުމުން ނޭދެވޭ އަމަލުތަކާއި އަޑުތައް އިވެމުންދިޔަ ނަމަވެސް މިއަދު އެމަންޒަރު ބަދަލުވަމުން އަންނަ ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ތަފާތު ސިޔާސީ ފިކުރުތަކަށް ޖާގަ އޮންނަންވާނެ ކަމަށާ، ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ގޮތް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް ކޮންމެ ރައްޔިތަކުވެސް ނިންމާ ގޮތް ވާންޖެހޭނީ ދިވެހި ދައުލަތަށް ފައިދާ ހުރި ނިންމުމަކަށް ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
އެގޮތުން ރައްޔިތުން އެކިއެކި މަޤާމުތަކަށް ބޭފުޅުން އިންތިހާބު ކުރާއިރު، ސިޔާސީ ފިކުރާއި ކުލަތަކަށާއި އާއިލީ ބޭފުޅުންނަށް ބަލައިގެން މަޤާމުތަކަށް ބޭފުޅުން އިންތިހާކުރުން މުހިއްމު ނޫން ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީން ފީއަލީއަށް ކުރާ ދަތުރަކީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމަށާއި ރައްޔިތުންގެ ހާލަތު ބެލުމަށް ކުރާ ޒިޔާރަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ