ސުޕްރީމް ކޯޓާ ދެކޮޅަށް މަގުމައްޗަށް ނުކުންނާނަން: ނަޝީދު

ސުޕްރީމް ކޯޓުގެ ފަޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ބަހުގެ ހަމަލާތައް ދެއްވައިފި އެވެ.
މާލޭ ސިޓީ ހޯލްގައި ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓާއި ދެކޮޅަށް ރައްޔިތުން ނުކުމެ އިހްތިޖާޖްކޮށް، އެ ކޯޓުގެ ފަނޑިޔާރުން ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން ރައްޔިތުން ސިހޭވަރުގެ ބޮޑެތި ކަންކަން ސުޕްރީމް ކޯޓުން ކޮށްފައިވާ ކަމަށެވެ.
"ރިޔާސީ އިންތިހާބަށް ފަހު ވެރިކަން ބަދަލު ވުމުން ވެސް، ރައްޔިތުންގެ މަޖިލީހުގައި ރައީސްގެ އަށް މެންބަރުން ބަދަލެއް ނުވާނެ ކަމަށް ވިދާޅުވުމަކީ އެންމެންނަށް ވެސް ސިހުން ލިބުނު ކަމެއް، އަދި އިންތިގާލީ ބާބުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަޖިލީހަށް މެމްބަރުން އިންތިހާބު ކުރެވުމުން މަޖިލީހުގެ ސައްހަ ކަމާމެދު ސުވާލު އުފެއްދުމާއި ފަނޑިޔާރުން ދާއިމީ ކުރުމުން ވެސް ސިހުން ލިބުނު،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޝަރުއީ ނިޒާމް ހަމަ މަގަށް ގެނައުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށައި އެ މަސައްކަތް ހުއްޓާ ނުލައި ކުރިޔަށް ގެންދާނެ ކަމަށެވެ.
"މިކަން ކުރުން އަޅުގަނޑު ހުއްޓައެއް ނުލާނަން. މަގުމައްޗަށް ވެސް ނިކުންނާނަން، އިހުތިޖާޖް ވެސް ކުރާނަން. އަދި އަލުން އަނބުރާ [ބެންޗް] އައްޔަން ކުރެވެންދެން މި މަސައްކަތުގައި ދެމިހުންނާނަން،" ނަޝީދު ވަނީ ވިދާޅުވި އެވެ.
ނަޝީދު ވަނީ ޖޭއެސްސީއަށް ލިބޭ ބާރުތައް ސުޕްރީމް ކޯޓުން ނަހަމަގޮތުގައި ބޭނުން ކުރާކަމަށް ވެސް ތުހުމަތު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ