އެމްޑީޕީގެ ވެރިކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރެއްވުމަކީ ގޯސްކޮށް ކުރެއްވުނު ކަމެއް ކަމަށާއި އެކަމަށްޓަކައި ގާސިމް އިބްރާހީމްގެ އަރިހުން މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގާސިމް އިބްރާހީމަކީ މިރާއްޖޭގެ އެތައް ރައްޔިތެއްގެ ތާއީދާއި ލޯތްބާއި އިހްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި، ރިޔާސީ އިންތިހާބުގައި ގާސިމްގެ ތާއީދު ލިބިވަޑައިގަންނަވާތޯ އެމަނިކުފާނާ މަޝްވަރާކޮށް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ގާސިމްގެ ފިކުރަކީވެސް އެބޭފުޅުންގެ ފިކުރު ކަމަށާއި، އިންތިހާބުގެ ދެވަނަ ބުރުގައި ގާސިމްގެ ތާއީދު ހޯއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށާއި އަދި އެމްޑީޕީން ގާސިމާއި ވާހަކަ ދެއްކުމަށް އެދޭ ކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރަނީ ގާސިމަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރެ މީހަކު ހައްޔަރުކުރުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަކު ކުރާ ކަމެއް ނޫން ކަމަށް. ދެން އެހެންނަމަވެސް އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން ހިނގައިދިޔައީ. އަޅުގަނޑު އެކަމާ ނިހާޔަތަށް ގާސިމް ކިބައިން މާފަށް އެދެން،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ގާސިމް ހައްޔަރުކުރައްވާ އެމަނިކުފާނުގެ މުޅި މުދާ ދައުލަތަށް ނެގުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ގާސިމްއަށް އެކަންކަން ވަރަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އެގޮތަށް އަމަލުކޮށްފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ގާސިމް އިބްރާހީމްގެ ކެމްޕޭންގައި މަސައްކަތް ކުރެއްވި ކުރީގެ ވަޒީރު އަދި ރައީސް މައުމޫންގެ ޅިޔަނު އިލްޔާސް އިބްރާހީމާއި ގާސިމް އިބްރާހީމަކީ ވަރަށް ގިނަ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ދެ ބޭފުޅުން ކަމަށްވާތީ އެމަނިކުފާނު ސަރުކާރެއް އެކުލަވާލާއިރު އެ ދެބޭފުޅުންގެ ތަޖުރިބާވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި އެ ދެބޭފުޅުންގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އެދިގެން މި ހުންނަނީ އަޅުގަނޑުމެންނަށް އިލްޔާސް އިބްރާހީމްގެ ތާއީދު ވެސް ގާސިމްގެ ތާއީދު ވެސް ލިބޭނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
ގާސިމް ހައްޔަރުކުރި މައްސަލާގައި ނަޝީދު މާފަށް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ