އުސޫލެއް ނެތި އެމްޑީޕީން ވައްދާ އިތުބާރުގެ މައްސަލަތައް ކާމިޔާބެއް ނުވާނެ: ގާސިމް

ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމަށް ނަގާ ވޯޓްތައް ސިއްރުކުރަން ނިންމުމަކީ އެމްޑީޕީއަށް ލިބުނު ކާމިޔާބެއް ނޫން ކަމަށާ އަދި އެއީ ސަރުކާރަށް ލިބުނު ނާކާމިޔާބެއް ވެސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރޭ ވިދާޅުވީ އަދި އިތުބާރު ނެތް ކަމަށް ނަގާ ވޯޓްގެ މައްސަލައިގައި ޑިމޮކްރެޓިކް ގިނަޤައުމުތަކުގައި ޢަމަލުކުރާ ގޮތަކީ ވޯޓް ސިއްރު ކުރުން ކަމަށާއި ވޯޓް ސިއްރުކުރަން ނިންމައިގެން ސަރުކާރާއި ވެރިންނާއި ވަޒީރުން ޖެހިލުންވެ ބިރުގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެކަމާ ހާސްވެ ވަޑައިގަންނަވަން ވެސް ނުޖެހޭ ކަމަށެވެ.
"އެއްވެސް ބޭފުޅަކު ބިރުފުޅުގަންނާކަށް ނުޖެހޭ. އެމްޑީޕީން އެއްވެސް އުސޫލެއްނެތި މަޖިލީހަށް ވައްދާ އިތުބާރު ނެތްކަމުގެ ވޯޓްތައް [މަޖިލީހުގައި] ފާހެއް ނުވާނެ. އެކަމުގެ ޔަޤީންކަން އެބައޮތް، އެކަން އަޅުގަނޑު ޔަގީންކޮށްދެން،" ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގައި ނަގާ ވޯޓް ސިއްރު ކުރަން ނިންމީ އެމްޑީޕީއާއި ގުޅިގެން ކަމަށް ދެކެވޭ ވާހަކަތައް ވެސް ގާސިމް ވަނީ ދޮގު ކުރައްވާފަ އެވެ. ވިދާޅުވީ އެ ވޯޓް ފާސް ކުރުމުގެ ބޭނުމަކީ ސަރުކާރު ވައްޓާލުން ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެކަން ކުރެވޭނެ އެއްވެސް މަގެއް އޮތް ކަމަށްޤަބޫލު ނުކުރައްވާ ކަމަށާއި އެމްޑީޕީގެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.
"އަޅުގަނޑު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ވަރަށް ސާބިތުކަމާއެކު. ވަކި ބަޔަކަށް ގެއްލުން ދިނުމަށް ޖަޒުބާތުގައި ޖެހިގެން ކަންމެއް އަޅުގަނޑު ނުނިންމަން ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތުން ކަންކަން ނުކުރާނެކަމުގެ ޔަޤީންކަން އަރުވަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ހުރިހާ ސަރުކާރެއް ވެސް ބޭނުން ވަނީ ރައްޔިތުންގައި ނަގާ ވޯޓްތައް ހާމަކޮށް ބާއްވަން ކަމަށާއި ވޯޓް ނެގުން އެގޮތަށް އޮތުމުގެ ސަބަބުން މިނިވަންކަމާއެކު މަސައްކަތް ކުރަން މެންބަރުންނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކީ ޤާނޫނުތަކަށް އެވަގުތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ރައީސާއި ވަޒީރުންގެ އިތުރުން މުއައްސަސާތަކުގެ ވެރިން ޒިންމާދާރުކޮށް އެބޭފުޅުންގެ މަސައްކަތްތަކަށް ފާރަވެރިވުން ކަމަށެވެ. މެންބަރުން ކުރައްވާފައިވާ ހުވައަކީ އިސްލާމްދީނާއި ޤައުމަށް އިޚްލާސްތެރިވުމަށްކޮށްފައިވާ ހުވައެއް ކަމަށާ އެ ހުވާގެ މަތީގައި ދެމިތިބުމަކީ މެންބަރުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އެހެން ކަމުން ރައީސާއި ވަޒީރުން އިހުލާސްތެރި ކަމުގައި ތިއްބަވާނަމަ އެއްވެސް ބިރެއް ނެތް ކަމަށެވެ.
"އެ މެންބަރުންނަށް މަޖިލީހުގައި މަސައްކަތް ކުރަމުންގެންދާއިރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ. ވޯޓް ހާމަކޮށްފައި ބޭއްވުމުގެ ސަބަބުން ވަރަށް ބޮޑެތި ފިއްތުންތަކާއި ކުރުމަތިލާންޖެހޭ،" ގާސިމް ވިދާޅުވި އެވެ. "އެވަގުތަކު އޮންނަ ސަރުކާރަކުން އަބަދުވެސް ވޯޓް ހާމަކޮށްފައި ބާއްވަން ބޭނުންވޭ. އެކަމަށް ބާރުވެސް އަޅާ،"
ގާސިމް ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ސަރުކާރުގެ ވެރިން ޒިންމާދާރުކުރަން މަޖިލީހުގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށާއިޤާނޫނީ އިމުން ބޭރުން މަސައްކަތްކުރާ ވެރިން ހަމަމަގަށް އެޅުވުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. ވޯޓް ހާމަކޮށް ބޭއްވުމަށް ނިންމާފައި އޮތުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން މިސާލު ޖައްސަވަމުން އިސްލާމްދީނާއި ޤައުމަށްޚިޔާނާތްތެރިވެ އިޒްރޭލާ އެއްކޮޅަށް ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދުގެ މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި އޭނަގެ އިތުބާރު ނެތްކަމުގެ ވޯޓް މަޖިލީހަށް ވެއްދުމުން ވޯޓް ހާމަކޮށްފައި އޮތުމުން ދެކޮޅަށް ވޯޓް ދެއްވަން މެންބަރުންނަށް ކެރިވަޑައިނުގެންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ.
"މަޖިލީހުން މާލިއްޔަތުގެ ޤާނޫނަށް އިސްލާހް ގެނައި ދުވަހު އެ އިސްލާޙް ފާސްކުރަން 39 ވޯޓް ހަމަކޮށްދެއްވި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދަށް ކުރީގެ ސަރުކާރުން ޖެއްސި ދުއްތުރާލަކީ ވެސް ވޯޓް ހާމަކޮށް ބޭއްވުމުގެ ނަތީޖާ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ