ފަހުމީ ވަކިކުރި މައްސަލައިގެ ޔައުމިއްޔާތައް ހުށަހަޅަން ސުޕްރީމް ކޯޓުން މަޖިލީހަށް އަންގައިފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ އަންހެން މުވައްޒަފަކަށް އެ ކޮމިޝަންގެ ރައީސް މުހަންމަދު ފަހުމީ ހަސަން ޖިންސީ ގޯނާ ކުރި ކަމަށް ބުނެ މިނިވަން މުއައްސަސާތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅި މައްސަލައިގެ ޔައުމިއްޔާތައް ހުށަހަޅަން ސުޕްރީމް ކޯޓުން މަޖިލީހަށް އަންގައިފި އެވެ. މި އެންގުމާ ގުޅިގެން އެކަމާ މެދު ގޮތެއް ކަނޑައަޅަން މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއް މާދަމާއަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ. އިމްތިޔާޒު ކޮމިޓީގެ މެމްބަރުންނަށް މަޖިލީހުގެ އިދާރާއިން ފޮނުވި އެސްއެމްއެސްގައިވާ ގޮތުން ނަމަ ކޮމިޓީ ބާއްވަން ނިންމީ ފަހުމީގެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެ ކޯޓުން މަޖިލީހުގެ އިދާރާއަށް އަންގާފައިވާތީ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމެވުމަށެވެ. ސުޕްރީމް ކޯޓުގެ އެ އެންގުމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިމްތިޔާޒު ކޮމިޓީގައި އެދިވަޑައިގެންފައި ވަނީ ސުޕްރީމް ކޯޓަށް ޔައުމިއްޔާތައް ހުށަހެޅުމަކީ މަޖިލީހުގެ ހައްގަށް ނުވަތަ އިމްތިޔާޒަށް އުނިކަމެއް އަންނާނެ ފަދަ ކަމެއްތޯ ބައްލަވައި ދެއްވުމަށެވެ. މިކަމާ މެދު ގޮތެއް ނިންމަން އިމްތިޔާޒު ކޮމިޓީ ބާއްވަން ނިންމާފައި ވަނީ މާދަމާ މެންދުރު 1:00 ގަ އެވެ. މަޖިލީހުގެ ފާސްކުރުމަކާއެކު ފަހުމީ މަގާމުން ވަކިކޮށްފައިވާއިރު ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހުގެ ހަ ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބާއްވައިފަ އެވެ. އެ ޝަރީއަތުގެ މަޖިލީހުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ވަރުގަދަ ސުވާލުތަކެއް ރައްޔިތުންގެ މަޖިލީހާ ކުރިމަތިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ