ޓެކްސް ދެއްކުމަށް ދެ ފަރާތެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ގްލޯބަލް ކްރައުން ޕްރައިވެޓް ލިމިޓެޑުން ދުއްވާ ސަފާރީ، "ޕްރިންސަސް ދޮންކަމަނަ" އާއި ގދ. ފިޔޯރީ ހަވީރީ އުފާ އިބްނިއްތާސިއު މުސްތަފާ ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. މީގެ ތެރެއިން ގްލޯބަލް ކްރައުން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވަނީ ސުންގަޑި އަށް ބެޑް ޓެކްސް ނުދައްކައި ޓެކްސް ޝީޓް ހުށަހަޅާފައިނެތުމުންނެވެ. އަދި އިބްނިއްތާސިއު މުސްތަފާ ޖޫރިމަނާކޮށްފައިވަނީ ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ނުދެއްކުމުންނެވެ. ހުކުމުގައި ބުނެފައިވަނީ، ގްލޯބަލް ކްރައުން ޕްރައިވެޓް ކުންފުނިން ބެޑް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 2،072 ޑޮލަރު އަދި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 65،000ރ. މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދައްކައި ހަލާސްކުރުމަށެވެ. އަދި "ޕްރިންސަސް ދޮންކަމަނަ" ސަފާރީގެ ނޮވެމްބަރު 2013 ގެ ބެޑް ޓެކްސް ޝީޓު، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް އެ ހުކުމުގައި ވެ އެވެ. އިބްނިއްތާސިއު މުސްތަފާއާ ދެކޮޅަށް ސިވިލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، އޭނާ ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ 70،125ރ. އާއި މުއްދަތު ހަމަވިއިރު ވެސް ޖީއެސްޓީ ނުދެއްކުމުން، ކޮށްފައިވާ 74،973ރ.ގެ ޖޫރިމަނާއާ އެކު ޖުމްލަ 145،098ރ. ހަ މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދައްކައި ހަލާސްކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ