ސުޕްރީމް ކޯޓުގެ އަމުރަކީ ސައްހަ އިންތިޚާބެއް ބޭއްވުމަށް އެޅުނު މުހިއްމު ފިޔަވަޅެއް: ޖަމީލް

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓު ފަސްކުރަން ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރަކީ ސައްހަ އިންތިޚާބެއް ބޭއްވުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ. ގަލޮޅުގައި ހުންނަ ޕީޕީއެމްގެ ކެމްޕެއިން ޖަގަހައިގައި ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ފަހު "ހަވީރާ" ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ދެވަނަ ބުރުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހަމަވެފައިވީ ނަމަވެސް އަދިވެސް އެ ލިސްޓު ޕީޕީއެމަށް ލިބިފައިނުވާ ކަމަށެވެ. އެއީ އިންތިހާބާ ގުޅޭ ގާނޫނާ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޖަމީލް ވިދާޅުވި ގޮތުގައި ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އެމްޑީޕީ އަށް މިމަހު ހަތެއްގައި ބޭއްވި ފުރަތަމަ ބުރުގެ އިންތިޚާބުގައި ލިބުނު 95،000 ވޯޓަކީ ސައްހަ ވޯޓެއް ނޫން ކަން ވަނީ ހާމަވެފަ އެވެ. އެހެން ކަމުން، މިހާރު އުފެދިފައިވާ މައްސަލަތައް ހައްލުނުކޮށް ދެވަނަ ބުރު ނުބޭއްވޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. "މި މައްސަލަތަކާ އެކީގައި ސައްހަ އިންތިހާބެއް ނުބޭއްވޭނެ. މިމައްސަލަތައް ހައްލުނުކޮށް އިލެކްޝަންސް ކޮމިޝަނުން ނިންމީ [ދެވަނަ ބުރު] ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ. ދުސްތޫރީ މައްސަލަތައް ހައްލުކުރުމަކީ ގާނޫނު އަސާސީ އާއި ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ކުރަންޖެހޭ ކަމެއް ކަމަށް ޖަމީލް ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރަކީ ގާނޫނު ނެގެހެއްޓުމުގެ ގޮތުން ކުރި އަމުރެކެވެ. "އެ ފިޔަވަޅު ނާޅައި ކުރިއަށް ދިޔަ ނަމަހީ ހަގީގަތުގައި ރާއްޖޭގައި އިންތިޚާބު ބޭއްވުމުގެ މާނަ ގެއްލި ދާނެ. ހަމަ އެއާއެކު ރާއްޖޭގެ މަސްރަހުގައި ހަމަނުޖެހުން އުފެދުމަކީ ނުވެ ނުދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރަކު ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ އެ ކޯޓުން ބަލަމުން ދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ށ. ގެ ދަށުން، އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކުރާ ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުގައި އެ އަމުރު ނެރުނީ ދައުވާ ހުށަހެޅި ފަރާތުން އެދިފައިވާ އެދުމަށާއި "ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށާއި މި ބާވަތުގެ މައްސަލަތަކުގައި އަމުރު ނެރެންޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކުގެ މައްޗަށާއި މި މައްސަލައިގެ ބާވަތަށް ބަލައި ވިސްނުމަށް ފަހު" އެވެ. ފުރަތަމަ ބުރު ބާތިލްކުރަން ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލާގައި، އިންތިޚާބުގެ ދެ ވަނަ ބުރު ފަސްކުރަން އެދިފައިވެ އެވެ. އެ ޝަރީއަތުގެ އަޑުއެހުންތައް އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން އިއްޔެ އާއި މިއަދު ވަނީ ޖުމްހޫރީ ޕާޓީން ހުށަހެޅި ހެކިންގެ ހެކި ބަސް ނަގައިފަ އެވެ. އެގޮތުން މި ދެ ދުވަހު ޖުމްލަ ނުވަ މީހެއްގެ ހެކި ބަސް ނަގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ