ވަކި މީހަކަށް ނުބަލައި ގައުމަށް ހިދުމަތްކުރުމަށް އެދެން: ގާސިމް

ދިވެހި ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ކުރިއަށް އޮތް ދުވަސް ތަކުގައި ކުރިމަތިލާންޖެހޭ ހަނގުރާމަ ވަރަށް ރަގަޅަށް އިހްސާސް ކުރެއްވޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލީޝަނަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ޝުކުރު އަދާކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ޝުކުރިއްޔާ ގައުމު" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަން ކުރެއްވެވި ގާސިމް އިބްރާހީމް ވިދާޅުވީ ގައުމުގެ ހާލަތު އޮތް ގޮތުން ކޮންމެ ރައްޔިތަކުވެސް މިއަދު އަދާކުރަންޖެހޭ ގައުމީ ޒިންމާ ބޮޑު ކަމަށާއި، ކޮންމެ ރައްޔިތަކުވެސް ތެދުވެރިކަމާއެކު ގައުމަށް ހިދުމަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައިވާ އިލްމާ ތަޖުރިބާގެ އަލީގައި ދިވެހި ގައުމަށް ކުރިމަތިވެފައި ހުރި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގާބިލްކަން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް މައުމޫން 30 އަހަރު ވެރިކަމުގައި ހޭދަކުރެއްވި ދުވަސްވަރު ގައުމަށް ހިދުމަތް ކުރެއްވި ގޮތަށް ގައުމަށްޓަކައި ރައީސް ޔާމީން ވެސް ހިދުމަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެން ވަކި މީހަކަށް މަސައްކަތް ކުރަންވީ ވަގުތެއް ނޫން. މިއީ ގައުމު ތިމާއަށް ކޮށްދޭ ކަންތައްތައް ބެލުމުގެ ބަދަލުގައި ތިމާ ގައުމަށް ހިދުމަތްކޮށްދޭންވީ ވަގުތު" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ދިވެހި ގައުމުގެ މިނިވަންކަމާއި އަމާންކަމާއި ހުރިހާ ރައްޔިތުންގެ މުސްތަގުބަލް އުޖާލާ ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށާއި، އަދި ރައްޔިތުން ހަވާލުކުރެއްވި ޒިންމާއާ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވެވި ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ނުކުރެއްވުނީ އެއީ ގުދުރަތުގެ ނިޔާ ކަމަށާއި، އެގޮތް ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބުނުވުމުން ދެވަނަ ބުރުގައި އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ އެމަނިކުފާނަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންނެވީ ދިވެހި ގައުމަށްޓަކައި ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުނުކުރެއްވީ ނަޝީދު ވެރިކަން ކުރެއްވި ގޮތާއި ކަންކަން ކުރެއްވި ގޮތް ތަޖުރިބާ ކުރެއްވިފައިވާތީ އެގޮތް ބޭނުން ނުވާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެފިލްމް ބަލައިފިން. ބެލި ފިލްމެއް ދެން ކިއްކުރަންތޯ ބަލަނީ. އަޅުގަނޑުމެން އެފިލާވަޅުވެސް ކިޔައިފިން. އެފިލާވަޅު ހިތުވެސް ދަސްވެއްޖެ" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ