ޒިދާނަށް ކޯޗިންގައި ދެމި ހުރެވޭނެ ކަމަށް ކޯޓުން ނިންމައިފި

މެޑްރިޑް (ނޮވެމްބަރު 22) - އެކަށީގެންވާ ފެންވަރުގެ ކޯޗިން ފާހެއް ނެތިގެން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ތިން މަހަށް ސަސްޕެންޑްކުރި ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގެ ކޯޗު ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާނަށް ކޯޗިންގައި ދެމި ހުރެވޭނެ ކަމަށް ސްޕެއިންގެ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން ނިންމައިފި އެވެ. ސްޕެއިން ފެޑެރޭޝަނުން ޒިދާނަށް ދިން އަދަބު އިސްތިއުނާފްކުރީ ރެއާލް މެޑްރިޑުންނެވެ. އެ ކްލަބުން ބުނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ތިން ފަހަރު ހޯދާފައިވާ ޒިދާންގެ އަތުގައި ރިޒާވް ޓީމަށް ކޯޗުކޮށްދޭ ފެންވަރުގެ ލައިސަންސް އެބައޮތް ކަމަށެވެ. ހަގީގަތުގައި މި ފެންވަރުގައި ކޯޗުކޮށްދޭން ޔުއެފާ އޭ ލައިސަންސްގެ ލެވެލް ތިނެއް އޮންނަން ޖެހެ އެވެ. އެކަމަކު ޒިދާން އަތުގައި އޮތީ ލެވެލް ދޭއްގެ ބެޖެކެވެ. ޒިދާން ލެވެލް ތިނެއްގެ ބެޖް ހޯދުމުގެ މަސައްކަތްކުރަމުން އަންނައިރު ފްރާންސް ފެޑެރޭޝަނުން ބުނީ ބެޖް ހޯދުމަށް ތަމްރީންވަމުން އަންނަ ކޯޗުންނަށް، ޓީމުތަކުގައި މަސައްކަތްކުރަން ޔުއެފާ އިން ހުއްދަކުރާ ކަމަށެވެ. އޮކްޓޯބަރު މަހު އޭނާ ތިން މަހަށް ސަސްޕެންޑްކުރި ނަމަވެސް، އިސްތިއުނާފް މައްސަލަ ނިމެންދެއް އޭނާ އަށް ކޯޗިންގައި ދެމި ހުރެވޭނެ ކަމަށް ސްޕެއިނުގެ ކޯޓަކުން ނިންމުމުން އޭނާ މިހާތަނަށް ވެސް އައީ އެ ޓީމަށް ކޯޗުކޮށްދެމުންނެވެ. ޒިދާން ވަނީ ދާދި ފަހުން އޭނާގެ ދޮށީ ދަރިފުޅު އެންޒޯ އަށް އެ ޓީމުން ފުރުސަތުދީ ކުޅެން ވެސް އަރުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ