ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ކަންތައް އަލުން ޕާޓީގެ ކައުންސިލަށް ހުށަހަޅާނަން: ގާސިމް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އަލުން ގޮތެއް ނިންމުމަމަށް ޕާޓީގެ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ. ގާސިމްގެ ގެ، މ.މާފަންނުވިލާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ ރައީސް މުހައްމަދު ވަހީދާއި އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ އިތުރުން ޕީޕީއެމްގެ ރައީސް މައުމޫން ވެސް އޭނާއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. ކުރީގެ ރައީސް ނަޝީދަށް ތާއީދުކުރެއްވުމަށް އެމަނިކުފާނު ހުށަހުޅުއްވާފައިވާއިރު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދުކުރެއްވުމަށް މައުމޫން އެދިވަޑައިގެންފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު ތި ތިން ބޭފުޅުންނަށް ވެސް، ރައީސް ވަހީދަށް ވެސް، ރައީސް ނަޝީދަށް ވެސް، ރައީސް މައުމޫނަށް ވެސް ދަންނަވަން އޮތީ އަޅުގަނޑު ވެސް ތިބޭފުޅުންނާ އެއްފަދައިން އެގޮތަށް ތިން ބޭފުޅުން ވެސް ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅު އަޅުގަނޑު ބަލައިގަންނަމޭ. އަޅުގަނޑު ވަރަށް އުފާވަމޭ އަޅުގަނޑު އަދި ތި ތިން ބޭފުޅުން ފަދައިން ރައީސްކަން ނުކުރެއްވި ނަމަވެސް އެގޮތަށް ވިސްނާވަޑައިގެން، ބެއްލެވީތީ،" މިދިޔަ ހޮނިހިރުދުވަހު ބޭއްވި އިންތިޚާބުން ފެއިލްވި ގާސިމް ވިދާޅުވި އެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ޖޭޕީގެ ކައުންސިލުން ނިންމީ އެންމެ ރަނގަޅު ގޮތަކީ ނިއުޓްރަލްކޮށް ހުރުން ކަމަށް ވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް، ޕީޕީއެމް އާއި އެމްޑީޕީގެ ހުށަހެން ޖޭޕީގެ ކައުންސިލަށް ހުށަހަޅައި، އެކަމާ މެދު އަލުން ގޮތެއް ނިންމާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި ރައީސްކަން ލިބިވަޑައިނުގަތުމުން އޭނާ ހިތާމަކުރައްވަ އެވެ. އެހެން ނަމަވެސް، އެކަމުގެ ހިތާމައިގައި ހުރުމުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން އައުމަށް އެދިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ 2008ގެ ރިޔާސީ އިންތިޚާބާއި މިއަހަރުގެ އިންތިޚާބުގައި ވެސް އޭނާ ވާދަކުރެއްވީ ގައުމަށާއި ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައި ދެއްވުމަށް ކަމަށެވެ. "އަޅުގަނޑަކީ ދިރިއުޅުމުގެ ކަންތައްތަކަށް ވިސްނައިގެން މަސައްކަތްކުރަމުން އައި މީހެއް ނޫނޭ. އަޅުގަނޑަކީ މާއްދިއްޔަތުގެ އަޅެއް ވެސް ނޫނޭ. އަޅުގަނޑު މަސައްކަތްކުރަމުން އައީ ތަރައްގީ އާއި ކުރިއެރުމަށޭ. އަޅުގަނޑު އެ ތިން ބޭފުޅުންނަށް ވެސް ޔަގީންކަން އެރުވިން އަޅުގަނޑަށް ކުރެވެން އޮތް އިހުލާސްތެރި، އިހުސާންތެރި މަސައްކަތެއް ކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ގާސިމާ ބައްދަލުކުރެއްވީ ރާއްޖޭގެ ސިޔާސީ ހާލަތާ މެދު ހިޔާލު ހޯދައި، އިންތިޚާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތްކުރެވޭނީ ކިހިނެއްތޯ އޮޅުންފިލުވުމަށް ކަމަށެވެ. މައުމޫން ފާހަގަކުރެއްވި ގޮތުގައި ގާސިމަކީ ސަރުކާރުގެ ތެރެއިންނާއި އަމިއްލަ ހައިސިއްޔަތުން ވެސް ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެވެ. އެގޮތުން، ދަރިވަރުންނަށް ސްކޮލަޝިޕް ދެއްވުމާއި ވިލާ ކޮލެޖް އުފެއްދުވުމާއި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ އިތުރުން މައުމޫންގެ ދައުރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިރު ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައްޔިތުންގެ ހިތްތަކުގައި ގާސިމަށް އޮތް ގަދަރާއި އިހުތިރާމް އިތުރުވެގެންދާނެ ގޮތަކަށް ކަންތައްތައް ކޮށްދިނުމަށް އޭނާގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީނަށް ތާއީދުކުރައްވައި، އެ ޕާޓީއާ އެކު މަސައްކަތްކުރައްވައިފި ނަމަ ގާސިމަށް އޮތް އިހުތިރާމާއި ގަދަރު އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި އެކަން އިތުރަށް ފުރިހަމަވެގެންދާނީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރެއްވިއްޔާއޭ. އެއިރުން ރާއްޖެއަށް ކުރިއަށް އޮތް ތާނގައި ތަރައްގީ އަައިސް، ގާސިމް ކޮށްދެއްވާފައިވާ ހިދުމަތްތައް ކުރިއަށްވުރެ ވެސް ފުރިހަމަވެގެންދާނީ،" ދޮޅު ގަޑިއެއްހާއިރުގެ ބައްދަލުވުމަށް ފަހު މައުމޫން ވިދާޅުވި އެވެ. ހޮނިހިރުދުވަހު ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ގާސިމްގެ ތާއީދު ހޯދުމަށް ޕީޕީއެމް އާއި އެމްޑީޕީން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވަނީ ގާސިމާ ބައްދަލުކުރައްވާފަ އެވެ. އަދި އެ ބައްދަލުވުމަށްފހު ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން ޕީޕީއެމްގެ ބައެެއް މަޖިލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުން ވެސް ރޭ ދަންވަރު ގާސިމާ ބައްދަލުކުރެއްވި އެވެ. އިންތިޚާބުގެ ފުރަތަމަ ބުރުން ފެއިލްވި ގާސިމް ކުރިން ވިދާޅުވެފައި ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން އޭނާ ނިންމެވީ މާޒީގެ ތަޖުރިބާގައި ރައީސުން ކުރާ ގޯސް ކަންތައްތަކުން "ބަދުނާމު" ވަނީ އެ މީހަކު ވެރިކަމަށް ގެންނަން އިސްކޮށް މަސައްކަތްކުރާ ބަޔަކު ކަމަށް ވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ