ރައީސް މައުމޫނު އަބުދުލް ގައްޔޫމު އިންޑިއާގެ ބޮޑޫ ވަޒީރު ޑރ.މަންމޯހަން ސިންގާއި ބައްދަލު ކުރައްވައިފިއެވެ. ކުރީގެ ރައީސް މައުމޫނުގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި މިބައްދަލުވުން އޮތީ މިއަދު ހެނދުނު މަންމޯހަން ސިންގުގެ ރަސްމީ ގެކޮޅުގައެވެ.
މިބައްދަލުވުމުގައި މައުމޫނުވަނީ އިންޑިއާ ސަރުކާރުން އެމަނިކުފާނާ މެދު ބަހައްޓަވާ ގާތްކަމާއި އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުތަކުގައި އިންޑިއާ ސަރުކާރުން ދެއްވާ ދީލަތި މެހްމާންދާރީއަށްޓަކައި އިންޑިއާ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ތަރައްގީގައި އިންޑިއާ ސަރުކާރުން ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ ގިނަގުނަ އެހީތަކަށްޓަކައި ރައީސް މައުމޫން ޝުކުރު އަދާ ކުރެއްވިއެވެ.
އަދި އެމަނިކުފާނުގެ ލީޑަރޝިޕްގެ ދަށުން މިހާރު ކުރިއަށްދާ ޕީ.ޕީ.އެމް އަކީ އިންޑީއާއަށް ވަރަށް ގަދަރުކުރާ އަދި ރާއްޖެއާ އިންޑިއާއާ ދޭތެރޭ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާ ޕާޓީއެއްކަމުގައި ވެސް މައުމޫނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޑރ.މަންމޯހަން ސިންގުވވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކަންކަމުގައި އިންޑިއާއަށް ވެވެންއޮތް އެހީތައް ވެދެއްވުމަކީ އިންޑިއާއަށްލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ. އަދި އަބަދުވެސް އިންޑިއާ އެދެނީ ދިވެހިރާއްޖެއަކީ ސުލްހަވެރިކަމާއި ސިޔާސީ ހަމަޖެހުން ގާއިމު ވެފައިވާ ޤައުމަކަށްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހްގައި އުފެދިފައިވާ ނުތަނަވަސްކަން ޙައްލުކުރަންވާނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރެވިގެން ކަމަށާއި މިމައްސަލައިގައި ބޭރުގެ އެއްވެސް ނުފޫޒެއް ނެތި ދިވެހި ހައްލެއް ހޯދުމަށް ވެސް މަންމޯހަން ސިންގު ގޮވާލެއްވިއެވެ.
އަދި މިދަނޑިވަޅުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ގުޅިގެން ގައުމުގެ މަސްލަހަތައްޓަކާ މަސައްކަތް ކުރުމަށް ވެސް މަންމޯހަން ސިންގު ބާރު އެޅުއްވިއެވެ.
ރައީސް މައުމޫނު އިންޑިއާގެ ބޮޑު ވަޒީރާއި ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ