ޙިރާ ސްކޫލްގެ ޢީދު ޕެރޭޑް މޫސުމް ގޯސް ވުމުގެ ސަބަބުން ފަސްކުރުމަށްފަހު މިއަދު ހަވީރު
ޙިރާ ސްކޫލުން 1432 ވަނަ އަހަރުގެ އަޟުޙާ ޢީދު ގައި ބޭއްވި ކުޅިވަރު ތަކުގެ ތެރެއިން.އައްޑޫ ސިޓީގައި ޙިރާ ފައުންޑޭޝަންގެ ފަރާތުން ހިންގަމުންދާ ޙިރާ ސްކޫލްގެ ފަރާތުން އަޟުޙާ ޢީދުގެ މުނާސަބާގައި އޮކްޓޯބަރ 27 ވަނަ ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެއްސި، ޢީދު ޕެރޭޑް، މޫސުމް ގޯސްވުމުގެ ސަބަބުން ފަސްކުރުމަށްފަހު މިއަދު (2 ނޮވެމްބަރ 2012 ވާ ހުކުރު ދުވަހުގެ) ހަވީރު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ޙިރާ ސްކޫލްގެ ހެޑް އޮފް އެޑްމިން އައްޝައިޚް މުޙައްމަދު އަނީލް ވިދާޅުވީ، މޫސުމް ގޯސްވުމުގެ ސަބަބުން، ދެ ފަހަރެއްގެ މަތިން ފަސްކުރެވުމަށްފަހު މި ޕެރޭޑް އިރާދަކުރެއްވިއްޔާ މިއަދު [ 2 ނޮވެމްބަރ 2012 ވީ ހުކުރު ދުވަހުގެ] ހަވީރު 4:00 ގައި ހިތަދޫ ލިންކުރޯޑުގައި އޮންނާނެކަމަށެވެ. ހިތަދޫ ލިންކުރޯޑުގައި ކުރިއަށްދާ މި ޕެރޭޑް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެޕޯލޯ ސިމެންތި ގުދަން ހުންނަ ހިސާބުން ފެށިގެން ހިތަދޫ ކުޑަކުދިންގެ ޕާކާއި ހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕެރޭޑްގައި ޙިރާ ސްކޫލްގެ 260 ދަރިވަރުން ބައިވެރިވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. މިއަދު ހަވީރު ޕެރޭޑް ބޭއްވުމުގެ އިތުރުން، މާދަމާ (3 ނޮވެމްބަރ 2012 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައި ހިތަދޫ ސްޑޭޑިއަމްގައި ކުޅިވަރު ޙަރަކާތްތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް އެކެއް ގެ ދަރިވަރުން ބައިވެރިވާ މި ޕެރޭޑުގައި ބޭނުންކުރެވިފައިވާ ތީމް ތަކަކީ، މިއަހަރުގެ މިހާތަނަށް ސްކޫލުގެ ކިޔެވުމުގައި ބޭނުންކޮށްފައިވާ ތީމްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސްކޫލްގެ މި ޢީދު ޕެރޭޑަށް ތައްޔާރު ކުރުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭކަމަށާއި، ޚާއްޞަކޮށް ސްކޫލްގެ ޓީޗަރުންނާއި އެހެނިހެން ސްޓާފުންނާއި ބެލެނިވެރިންގެ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތްތަކެއް ކަމަށް، އަނީލު ވިދާޅުވިއެވެ. ޙިރާ ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ސްކޫލެއް ޤާއިމު ކުރުމުގެ ގޮތުން 2010 ވަނަ އަހަރު ފަށާފައިވާ ސްކޫލެކެވެ. މިހާރު އެ ސްކޫލްގައި ގްރޭޑް 1 އާއި ހަމައަށް ކިޔަވައިދެވޭއިރު، އަންނަ އަހަރު ގްރޭޑް 2 ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ