މިސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް ގާތުން މަސައްކަތް ކުރާނަން: ރައީސް މައުމޫން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ވައުދުތައް ފުއްދުމަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، ޤާނޫނޫ އަސާސީގެ 87 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވަންޖެހޭ ރިޔާސީ ބަޔާން މިއަދު ރައީސް ސޯލިހް ހުށަހެޅުއްވުމުން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ވައުދުތައް ފުއްދުމަށް ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރައީސް ސޯލިހް މިއަދު މިހުށަހަޅައި ދެއްވި ރިޔާސީ ބަޔާނަކީ ހުރިހާ ގޮތަކުން ވެސް ވަރަށް އުންމީދީ ބަޔާނެއް ކަމަށް ވެސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ރައީސް ސޯލިހާއެކު މިހާރު ވެސް އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ރައީސް މައުމޫން، ރައީސް ސޯލިހުގެ ރިޔާސި ބަޔާން އިއްވެވި ޖަލްސާގައި މިއަދު ބަިއވެރިވެ ވަޑައިގެންނެވިއެވެ. އަދި ރައީސް މައުމޫންގެ އިތުރުން މިޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސުން ކަމަށްވާ، އަބްދުﷲ ޖިހާދާއި މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ