ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުދިންނާ މެދު އަމަލު ކުރާނެ "ކުޑަކުދިންގެ އަދުލުގެ ގަވާއިދު" ސުޕްރީމް ކޯޓުން އެކުލަވާލައިފިއެވެ.
ސުޕްރީމް ކޯޓުން އެފަދަ ގަވާއިދެއް އެކުލަވާލީ، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކުގައި ތަހުގީގުތައް ކުރިއަށް ގެންދިޔުމާއި ދައުވާ އުފުލުމާއި، ޝަރީއަތް ހިންގުމުގައި މުއައްސަސާތަކުގެ މެދުގައި އެއް އުސޫލުތަކެއް ގާއިމު ކުރުމަށް ކަމަށް ބުންޏެވެ.
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމަކީ އެ ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ މައްޗަށް ބިނާވެފައި އޮންނަން ޖެހޭ ނިޒާމަކަށް ވާތީވެ، އެ ކުދިން އިސްލާހު ކުރަން ކުރަން ޖެހޭ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމަކީ ވެސް އެ ގަވާއިދު އެކުލަވާލުމުގެ މަގްސަދެއް ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
ސުޕްރީމް ކޯޓުން މިއަދު އެކުލަވާލި އެ ގަވާއިދުގައިވާ ގޮތުން، ކުށް ކުރާ ކުޑަކުދިންގެ މައުލޫމާތުތައް ތަހުގީގު މަރުހަލާގައާއި ދައުވާ ކުރުމުގެ މަރުހަލާގެ އިތުރުން ޝަރީއަތް ކުރުމުގެ މަރުހަލާގައި ވެސް މައްސަލައާ ގުޅުން ހުރި އެއްވެސް ފަރާތަކުން ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. އެއިން އެއްވެސް މަރުހަލާއެއްގައި އެ ކުއްޖާގެ އެއްވެސް ޒާތީ މައުލޫމާތެއް މީޑިއާއަށް ހާމަކޮށްގެން ނުވާނެ ކަމަށް އެ ގަވާއިދުގައި ވެއެވެ.
އުމުރުން 10 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުއްޖަކު ކުށެއް ކޮށްފިނަމަ އެ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލާކަށް ނުޖެހޭނެ ކަމަށް ގަވާއިދުގައި ވެއެވެ. ނަމަވެސް އެ އުމުރުގެ ތެރޭގައި އެ ކުއްޖާ ބާލިޣުވެއްޖެނަމަ އަދި އެ ކުއްޖާ ކުރާ ކުށަކީ ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއްނަމަ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ ކަމަށް ގަވާއިދުގައި ވެއެވެ.
ގަވާއިދުގައިވާ ގޮތުން، އެ ކުށްތަކަކީ ގަސްދުގައި މީހުން މެރުމާއި، ރާވައިގެން ހިންގާ ބޮޑެތި ޖިނާއީ ކުށްތަކާއި، ގަދަކަމުން ބަދު އަހުލަގީ އަމަލު ހިންގުމުގެ ކުށާއި، ޓެރަރިޒަމްގެ ކުށާއި، މާރާމާރީ ހިންގުމުގެ ކުށާއި، ގޭންގް ކުށާއި، ޖަމާއަތް ހަދައިގެން ފޭރުމުގެ ކުށާއި، މަސްތުވާތަކެއްޗާއި ގުޅުން ހުރި ކުށްތަކެވެ.
އުމުރުން 18 އަހަރުވުމާ ހަމައަށް އެ ކުއްޖަކު ކުރާ ކުށުގެ މަދަނީ މަސްއޫލިއްޔަތު އުފުލާނީ އެ ކުއްޖާގެ ބެލެނިވެރިޔާ ކަމަށް އެ ގަވާއިދުގައި ވެއެވެ. ނަމަވެސް އެ ކުއްޖަކީ އާމްދަނީއެއް ލިބޭ ކުއްޖަކަށްވާނަމަ، މަދަނީ މަސްއޫލިއްޔަތު އެ ކުއްޖަކު އުފުލަން ޖެހޭނެ ކަމަށް ގަވާއިދުގައި ވެއެވެ.
ކުޑަކުއްޖެއްގެ މައްޗަށް ތަހުގީގު ކުރެވޭ މައްސަލައެއްގައި އެ ކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖައްސާނީ އެ ކުއްޖެއްގެ ބެލެނިވެރިޔާ ކަމަށް ގަވާއިދުގައި ވެއެވެ. އަދި ބެލެނިވެރިޔެއް ނެތް ހާލަތެއްގައި އެ ކުއްޖާއަށް އެ ކަން ކޮށްދޭނީ އެ ކުއްޖާގެ މަސްލަހަތުގައި މަސައްކަތް ކުރާ ދައުލަތުގެ އިދާރާއިން ކަމަށް އެ ގަވާއިދުގައި ވެއެވެ.
ކުޑަކުދިން ހައްޔަރު ކުރުމާއި ބަންދު ކުރުމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތްތައް ވެސް އެ ގަވާއިދުގައި ބަޔާން ކޮށްފައި ވެއެވެ. އެ ގޮތުން ކޮންމެހެން ހައްޔަރު ކުރަން ޖެހޭ ހާލަތްތަކުގައި މެނުވީ ކުދިން ހައްޔަރު ނުކުރުމާއި، އަލަށް ހައްޔަރު ކުރާ ކުދިންނާ ކުށް ތަކުރާރު ކުރާ ކުދިން އެއް ތަނެއްގައި ނުބޭއްތިބުމަށް އެ ގަވާއިދުގައި ވެއެވެ. އަދި ބޮޑެތި މީހުން ބަންދު ކޮށްފައި ތިބޭ ތަންތަނުގައި އެ ކުދިން ބަންދު ނުކުރުމަށް ވެސް ގަވާއިދުގައި ވެއެވެ.
ކުށް ސާބިތުވާ ކުޑަކުދިންގެ މައްޗަށް ކަނޑައަޅަން ޖެހޭނީ އެ ކުށަކަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބެއްގެ ތިންބައި ކުޅަ ދެބައި ކަމަށް އެ ގަވާއިދުގައި ވެއެވެ. އަދި އަދަބު ކަނޑައެޅުމުގެ ބަދަލުގައި ކުށް ސާބިތުވާ ކުދިންގެ މައްޗަށް އިސްލާހީ ޕްރޮގްރާމްތަކުގައި ބައިވެރިވާން އަމުރު ކުރުގެ ބާރު ވެސް އެ ގަވާއިދުގެ ދަށުން ކޯޓަށް ލިބެއެވެ.
ކުޑަކުދިންގެ އަދުލުގެ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ