މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލް އަޅަނީ

މާލެ ސަރަހައްދުގައި އިތުރު 10 ސުކޫލް އިމާރަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މާލެ، ވިލިމާލެ، އަދި ހުޅުމާލެ ހިމެނޭގޮތަސް އިތުރު 10 ސުކޫލް އިމާރަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ރާއްޖޭގެ ސުކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ކުރިއަށް ގެންދިޔަ އޮޑިޓަށްފަހުއެވެ.
މާލެގައި ދެދަންފަޅިއަށް ހިންގާ 13 ސުކޫލް ހުރުމާއިއެކު ސުކޫލްތަކުގައި ހުސްޖާގަ ނެތުމަކީ މާލެ ސަރަހައްދުގައި އެއްދަންފަޅިއަށް ކިޔަވައިދޭން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް އެއޮޑިޓްގައި ފާހަގަ ކޮށްފައިވެއެވެ.
ރައްޖޭގައި ދެދަންފަޅިއަށް ކިޔަވައިދޭ ސުކޫލުތައް އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ސަރުކާރުން ހިންގާ 213 ސުކޫލުގެ ތެރެއިން 151 ސުކޫލުގައި މިހާރުވެސް ކިޔަވައިދެމުން އަންނަނީ އެއްދަންފަޅިއަށް ކަމަށްވާއިރު 62 ސުކޫލެއް އެއްދަންފަޅިއަށް ވުރެ ގިނަ ދަންފަޅިއަށް ކިޔަވައިދެއެވެ.
ރާއްޖޭގެ ސުކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ކުރިއަށް ގެންދިޔަ އޮޑިޓްރިޕޯޓް ނެރުމަށް މިރޭ ވިލިމާލޭ މުހްޔިއްދީން ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވީ، އެއްދަންފަޅިއަށް ކިޔަވައިދޭން ސުކޫލްތަކުގެ އެސެސްމެންޓެއް ހެދިއިރު އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ އެއްދަންފަޅިއަށް ބަދަލުކުރުމުގައި ސުކޫލުތަކުގައި ޖާގަނެތުން ކަމަށެވެ.
މާލެ ސަރަހައްދުގައި އިތުރު 10 ސުކޫލް އަޅަން ނިންމީ މިހާރު ހުރި ސްކޫލްތަކުގައި ކްލާސްރޫމްތައް އިތުރުކޮށް، އިތުރު ވަސީލަތްތައް ގާއިމުކުރާނެ ޖާގަ ނެތުމުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
އެޑިއުކެޝަން މިނިސްޓްރީން ކުރިއަށްގެންދިޔަ އޮޑިޓްގައި ރާއްޖޭގެ 62 ސުކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމަށް ވަނީ ރާވާފައެވެ.
އޮޑިޓްގައި ވާގޮތުން އެއްދަންފަޅިއަށް ބަދަލުކުރުމަށް ނިންމާފައިވާ 62 ސުކޫލުގެ ތެރޭގައި އެއްދަންފަޅިއަށް ބަދަލުކުރުމަށް 10 ކްލާސްރޫމަށްވުރެ އިތުރަށް ބޭނުންވާ 13 ސްކޫލް އެބަހުއްޓެވެ. އަދި 10 ކްލާސްރޫމަށްވުރެ މަދުން ބޭނުންވާ 37 ސްކޫލް ހުރިކަމަށްވެސް އެއޮޑިޓްގައި ފާހަގަ ކޮށްފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހެދި އޮޑިޓްގައިވާގޮތުން އެއްދަންފަޅިއަށް ބަދަލުނުކޮށްހުރި ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ޖުމްލަ 288 ކްލާސްރޫމް އިތުރަށް ބޭނުންވެއެވެ. 10 ސްކޫލާއި، 47 ސައިންސް ލެބާއި، 28 ލައިބްރަރީއާއި، 42 އޯޑިއޯ ވިޝުއަލް ރޫމާއި، 22 ސްޓާފް ރޫމްގެ އިތުރުން، 57 ބަދިގެ ބޭނުންވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ތައުލީމީ ދާއިރާ އިތުރަށް ފުޅާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން މިއަހަރުގެ ބަޖެޓުންވެސް އެންމެ ބޮޑު އިންސައްތައެއް، ތަޢުލީމީ ދާއިރާއަށް ހޭދަކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ތައުލީމީ ދާއިރާއަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 3.4 ބިލިއަން ރުފިޔާއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބަޖެޓުގެ މިހާ މަތީ މިންވަރެއް، ތަޢުލީމަށް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ