ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ދިއްދޫ ދާއިރާގެ އޮފީސް ކުރީގެ ރައީސް މުހައްމަދު ނަޝިދު ހުޅުއްވައި ދެއްވައިފިއެވެ.
އެމްޑީޕީގެ ދިއްދޫ ދާއިރާގެ އޮފީސް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނުގައެވެ. އެ އޮފީސް ހުޅުއްވައި ދެއްވުމަށްފަހު، ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސާއި އެދާއިރާގެ މެމްބަރުންނާއި އެއޮފީހުގައި ބައްދަލު ކުރައްވާފައެވެ.
އެމްޑީޕީގެ ދިއްދޫ ދާއިރާގެ އޮފީސް ހުޅުއްވައި ދެއްވުމުގެ އިތުރުން ރައީސް ނަޝީދު މިއަދު ވަނީ ދިއްދޫ ކައުންސިލްގެ މެމްބަރުންނާއި ވެސް ބައްދަލު ކުރައްވާފައެވެ. މިބައްދަލު ކުރެއްވުން އޮތީ ދިއްދޫ ކައުންސިލް އިދާރާގައެވެ.
މިބައްދަލު ކުރެއްވުމުގައި ރައީސް ނަޝިދު ވަނީ ދިއްދޫ ދާއިރާގެ ތަރައްޤީ އަށާއި އެހެނިހެން ކަންކަމުގައި މިސަރުކާރުގެ ތެރެއިން ކަންކަން ކުރެވިގެންދާނޭ ގޮތާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިލަދުއްމައްޗަށް އިއްޔެ ފެއްޓެވި މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު ހަވީރު މާލެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރު ފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން މެޑަމް ލައިލާ އަލީ އާއި އެމްޑިޕީގެ އިސްސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
ސުޕްރީމްކޯޓުން ރައީސް ނަޝީދުގެ ޙުކުމް ތަންފީޒު ކުރުން މެދުކަނޑާލުމަށް ދައުލަތުގެ ތަންފީޒީ އިދާރާތަކަށް އަމުރުކުރުމުން އެމަނިކުފާނު 1 ނޮވެމްބަރުގައި ރާއްޖެވަޑައިގެންނެވުމަށްފަހު އަތޮޅުތަކަށް މިހާރު ގެންދަވަނީ ދަތުރުފުޅުކުރައްވަމުންނެވެ.
މިގޮތުން އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ.
އެމްޑީޕީގެ ދިއްދޫ ދާއިރާގެ އޮފީސް ރައީސް ނަޝީދު ހުޅުއްވައި ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ