ޖޭއެސްސީގެ މެމްބަރުކަމުން މެމްބަރު ރިޒާ ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުން ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނަވާ މެމްބަރެވެ.
ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރެއްވުމަށް ހުށަހަޅަފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުން އެ މެމްބަރުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަން ކުރައްވަމުން ނުދާތީ އާއި އަދުލްއިންސާފު ގާއިމުކުރުމުގެ ކަންކަން ހިންގެވުމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ މަޖިލީހަށް އެއްބާރުލުން ނުދެއްވައި، އަދި ދިވެހި ރައްޔިތުންނާއި ބައިނަލްއަގްވާތީ ދުނިޔޭގައި އަދުލްއިންސާފުގެ ދާއިރާއަށް ބޮޑެތި ޝައްކުތައް ކުރެވި، އިތުބާރު ގެއްލިފައިވާތީ ކަމަށް މަޖިލީހަށް ހުށަހާފައިވާ އެމައްސަލާގައި ބުނެފައި ވެއެވެ. 
ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ. 
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދުލްއިންސާފުގެ ދާއިރާ ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތު ކުރެވޭއިރު، ރިޒާގެ މައްޗަށް ވެސް ފަނޑިޔާރުންނަށް ނުފުޒު ފޯރުވަމުންދާކަމުގެ އަޑުތަކެއް ފެތުރިފައި ވެއެވެ. ރިޒާއަކީ ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބިފައިވާއިރު، ޖޭއެސްސީގެ މެމްބަރު ކަމުގެ މަގާމުން ރިޒާ ވަކި ކުރެވިގެން ދިއުމަކީ ގަބޫލު ކުރެވޭ ކަމެކެވެ. 
ޖޭއެސްސީގެ 10 މެމްބަރުން ތިއްބަވައެވެ.
ޖޭއެސްސީއަކީ ކޯޓުތަކާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރެއްވުން އަދި ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިގެން، ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ އަދުލް އިންސާފުގެ ދާއިރާގެ އެންމެ މުހިއްމު އެއް މުއައްސަސާއެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ