އިންޑިއާ އަށް ކުރި ދަތުރުން 90 މިލިއަން ޑޮލަރު ހަމަޖެހިއްޖެ: ރައީސް

އިންޑިއާ އަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅުން ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހަމަޖެހިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަތުމަށް ފަހު މިރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި 500 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ކުރިން ދޭން އެއްބަސްވި ލޯނު މަޑުޖެހިފައި އޮތުމަށް ފަހު، އެ ލޯނު ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެއީ 40 މިލިއަން ޑޮލަރުގެ ލޯނެކެވެ.
ރައީސް ވަހީދު ވިދާޅުވީ އޭގެ އިތުރުން އެލްސީ ހުޅުވުމަށް 25 މިލިއަން ޑޮލަރު އަދި ސްޓޭންޑްބައި ކްރެޑިޓްގެ ގޮތުން ބަޖެޓް ސަޕޯޓަށް 25 މިލިއަން ޑޮލަރު ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ދަތުރުފުޅުގައި އިންޑިއާގެ މުމްބާއީ އަށް ވަޑައިގެން އެތަނުގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވި ކަމަށެވެ. އެގޮތުން ރިލަޔަންސް އިންޑަސްޓްރީސްގެ ޗެއާމަން މުކޭޝް އަންބާނީ އާއި ޓާޓާ ގްރޫޕާ ވެސް ބައްދަލުކުރެއްވި ކަމަށް ވިދާޅުވި އެވެ.
ރިލަޔަންސްއާ އެކު ބޭއްވި ބައްދަލުވުމުގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އައިޓީ ޕާކެއް ނުވަތަ އެނޫން ވެސް މަސައްކަތްތަކެއް ފެށުމަށް މަޝްވަރާކުރެއްވި ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. އަދި ޓާޓާ ހައުސިން އިން މާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ލަސްވެފައިވާތީ އެ މަސައްކަތް އަވަސްކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ