ޖާގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ވެސް ކޯޓުން އިތުރުކޮށްދީފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ އަބްދުﷲ ޖާވިދު (ޖާ)ގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ވެސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި ޖާގެ ބަންދުގެ މުއްދަތު މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ކޯޓުން އިތުރުކޮށްދީފައިވެ އެވެ. އޭގެ ތެރެއިން ފުރަތަމަ ކޯޓުން މުއްދަތު ޖަހައިދިން މައްސަލަ ޖާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން ހައި ކޯޓުން ވެސް ވަނީ އެ އަމުރަށް ތާއީދުކޮށް ހުކުމްކޮށްފަ އެވެ.
މުއްދަތު އިތުރުކުރަން މިއަދު ޖާ ކޯޓަށް ގެންދިއުމުން ޖާގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ 15 ދުވަހެވެ. ޖިނާއީ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ ބުނާ ގޮތުން އެއް ފަހަރާ އެންމެ ގިނައިން ދެވޭނީ ވެސް 15 ދުވަހުގެ މުއްދަތެވެ.
ޖާ ހައްޔަރުކޮށްފައިވަނީ ކީއްވެގެން ކަމާއި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ޖާ ބަންދުގައި ބަހައްޓަން ކޯޓުން ނެރުނު އަމުރަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމުން އެނގުނު ގޮތުގައި ޖާ ބަންދުކޮށްފައިވަނީ އަފްރާޝީމްގެ މަރުގެ ތުހުމަތުގަ އެވެ. ޖާ އާ ދެކޮޅަށް ހެކީގެ ގޮތުގައި ފޯން ކޯލް ރިކޯޑިންއަކާއި ބައެއް މީހުންގެ ހެކިބަސްތަކެއް ހުށަހަޅާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ