އިންސާނީ ތަރައްގީގެ މިންގަނޑުގައި މި ފަހަރު ވެސް ރާއްޖެ 103 ވަނައިގައި
އިންސާނީ ތަރައްގީ ވަޒަންކުރާ ބައިނަލްއަގުވާމީ މިންގަނޑުގައި މިދިޔަ އަހަރު ވެސް 103 ވަނައިގައި ރާއްޖެ ހިމެނިއްޖެ އެވެ.ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިއަދު ބޭއްވި ހަފުލާއެއްގައި ނެރުނު "ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް 2014" ރިޕޯޓުގައި ރާއްޖެ ދަރަޖަކޮށްފައިވަނީ 2012 ވަނަ ވެސް ރާއްޖެ ހިމަނާފައި އޮތް 103 ވަނައިގަ އެވެ. އެއީ އިންސާނީ ތަރައްގީ މެދުފަންތީގައި ހުރި ގައުމުތައް ހިމަނާފައިވާ ކެޓަގަރީގެ އެއްވަނަ އެވެ.ދެކުނު އޭޝިއާ ގައުމުތަކުގެ ތެރޭން، 73 ވަނައާ އެކު އެންމެ ކުރީގައި އުޅޭ ސްރީ ލަންކާ އަށް ފަހު، އިންސާނީ ތަރައްގީގެ ހާލަތު އެންމެ ރަނގަޅީ ވެސް ރާއްޖޭގަ އެވެ. އަވަށްޓެރި އިންޑިއާ ތިން ވަނައިގައި (135 ވަނައިގައި) އޮތްއިރު، މި ސަރަހައްދުގެ ގައުމުތަކުގެ ތެރޭން އެންމެ ފުލުގައި އޮތީ 146 ވަނައިގައި ދަރަޖަކޮށްފައިވާ އަފްޣާނިސްތާނެވެ.މިދިޔަ ފަސް އަހަރުގެ އިންޑެކްސް އަށް ބަލާއިރު ރާއްޖޭގެ އިންސާނީ ތަރައްގީގެ ހާލަތު ދަށަށް ގޮސްފައެއް ނުވެ އެވެ. އެ ގޮތުން، 2009 އިން 2011 އަށް ތިން ދަރަޖައިގެ ކުރިއެރުމެއް ރާއްޖޭން ހޯދާފައިވާއިރު، އޭގެ ފަހުން ކޮންމެ އަހަރަކު ވެސް އެއް ދަރަޖައިގެ ކުރިއެރުމެއް ނުވަތަ ވަކި ވަރެއްގައި ހިފެހެއްޓިފައިވެ އެވެ. ދުނިޔޭގެ 172 ގައުމެއް ދަރަޖަކޮށްފައިވާ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް އެކުލަވާލުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ތިން ދާއިރާއަކަށެވެ. އެއީ ސިއްހަތާއި ތައުލީމާއި ދިރިއުޅުމުގެ ފެންވަރު ހުރި ހާލަތަށެވެ. އެ ތިން ދާއިރާ އިން މާކްސް ދިނުމުގައި، އެވްރެޖު އުމުރާއި ރަސްމީ ތައުލީމު ލިބޭ މުއްދަތާއި އެ ގައުމެއްގެ ގައުމީ ތަރައްގީގެ މިންވަރު (ޖީޑީޕީ) އަށް ބަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ