ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ލަފާދޭނެ މުޝީރެއްގެ މަގާމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އައްޔަން ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ޖާބިރު ވަނީ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މުޝީރުގެ މަގާމު އަދާކުރައްވާފައެވެ.
ރައީސް ނަޝީދުގެ މުޝީރެއްގެ މަގާމަށް ޖާބިރު އައްޔަން ކުރިއިރު ރައީސް ޔާމީންގެ ވެރިކަމަށް ވަރަށް ބޮޑަށް ތާއިދު ކުރަމުން ގެންދަވަނިކޮށް ޖާބިރުގެ މަސްލަހަތު އޮންނަ ކުންފުންޏެއްގެ އެކައުންޓްތައް މީރާ އިން ފްރީޒް ކުރުމާއި އެކު ޖާބިރު ވަނީ ސަރުކާރާއި ދެކޮޅު ވެފައެވެ.
ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ޖާބިރު ވަރަށް ބޮޑަށް ތާއިދު ކުރައްވައިގެންނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ފުރަތަމަ އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވީ ވެސް ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު އެވެ. ނަމަވެސް ދިޔާނާ ވަޒީރު ކަމުން ވަކިކުރުމުން ޖާބިރު ރައީސް ނަޝީދުގެ ސަރުކާރާއި ދެކޮޅު ވިއެވެ.
އޭގެ ފަހުން ދިވެހިރާއްޖޭގެ ފަރާތުން ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ދިޔާނާގެ ނަން ހުށަޙެޅުއްވުމާއި އެކު ޖާބިރު އަނެއްކާ ވެސް ރައީސް ނަޝީދަށް ތާއިދު ކުރައްވަން ފެއްޓެވިއެވެ. އޭގެ ފަހުން ޖާބިރު ރައީސް ނަޝީދުގެ ސަރުކާރާއި ދެކޮޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ދިޔާނާ ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުން އިސްތިއުފާ ދެއްވާ ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާ އަށް ނިކުމެ ވަޑައިގެންނެވުމުންނެވެ.
ނަޝީދު އަށް ލަފާދޭނެ މުޝީރެއްގެ މަގާމަށް އަބްދުﷲ ޖާބިރު އައްޔަން ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ