ހުސައިން ސޮލާހު ބަންދުގައި ހުއްޓާ އޭނާ އަށް އަނިޔާކުރިކަން ހައި ކޯޓުން ވެސް ސާބިތެއްނުވި

ހުސައިން ސޮލާހު މަރުވެފައި އޮއްވައި މާލޭ ފަޅުތެރެއިން ފެނުމުގެ ކުރިން، އޭނާ ފުލުހުންގެ ބަންދުގައި ހުރި އިރު އޭނާގެ ގައިގައި ޖެހި ކަމަށް ބުނެ ދައުލަތުން ފުލުހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ހައި ކޯޓުންވެސް އިއްޔެ ހުކުމްކޮށްފި އެވެ.
ސ. ހިތަދޫ ނާޒުކީގޭ ހުސައިން ސޮލާހު ފުލުހުންގެ ބަންދުގައި ހުއްޓާ އޭނާއާ މާރާމާރީ ހިންގައި ބަނޑުގައި ޖެހި ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލި ހދ. ވައިކަރަދޫ ޕެރިމްރޯޒް އަހުމަދު ޝާހުގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް 2008 ވަނަ އަހަރު ދަށު ކޯޓުން ވަނީ ކުރިން ހުކުމްކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބެލުމަށްފަހު އިއްވި ހުކުމުގައި ބުނަނީ ބަންދުގައި ހުއްޓާ އޭޕްރީލް ،12 2007 ވަނަ ުދުވަހުގެ ރޭ ހުސައިން ސޮލާހުގެ ގައިގައި ކޯޕްރަލް ޝާހް ޖެހިތަން ދުށް ކަމަށް ދެ މީހަކު ހެކިބަސް ދީފައި ވާއިރު އެ ދެ ހެކިންނަކީ އެއިރު ތަހުގީގަށް ބަންދުކުރެވިފައިވާ ބައެއް ކަމަށެވެ. އަދި ޝާހަކީ އެމީހުން ބަލަހައްޓަމުން ދިޔަ މީހާ ކަމަށް ވާއިރު އޭނާއާ ދެކޮޅަށް ހެކިބަސް ދިނީ އަނިޔާ ލިބުނު ހުސައިން ސޮލާހާ ގާތްކަމެއް އޮތް ދެ މީހުންކަން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން ހާދިސާ ހިނގާފައިވާ ގޮތަށާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު ޝާހާ ދެކޮޅަށް ހެކިބަސްދިން ދެ މީހުން ހެކިބަސް ދީފައިވަނީ ރުޅިވެރިކަމެއްނެތި އަދުލުވެރިކޮށް ކަމުގައި ބެލުމުގައި ޝައްކުތަކެއް ހުރި ކަމަށް އެ ހުކުމުގައި ފާހަގަކޮށްފައި ވެ އެވެ. އަދި އެ ހެކިބަސްތަކަކީ ތެދު ކަމަށް ބަލަންޖެހޭ އަދި އެއަށް ބާރުދޭ އިތުރު ހެއްކެއް ޝަރީއަތަށް ހުށަހެޅިފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންކަމުން ޝާހްގެ މައްޗަށް ދައުލަތުން އުފުލި މާރާމާރީގެ ދައުވާ ސާބިތުނުވާ ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށްފައިވަނީ ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނެވެ.
ޝާހުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް އިން ފޮނުވުމުން ދައުވާކޮށްފައި ވަނީ، ހުސައިން ސޮލާހާ އެކު އަތޮޅުވެހީގައި އޭރު ބަންދުކޮށްފައި ތިބި ތިން ކުށްވެރިއެއްގެ ބަޔާނުން ލިބޭ ހެކިބަހުގެ މައްޗަށް ބަލައިގެންނެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި، އުމުރުން 28 އަހަރުގެ ހުސެއިން ސޮލާހު މަރުވެފައި އޮއްވައި ފެނިފައިވަނީ ފުލުހުން އޭނާ ހައްޔަރުން ދޫކޮށްލިތާ ކަމަށް ބުނާ ވަގުތުން ފެށިގެން 24 ގަޑިއިރު ވެސް ނުވަނީހެވެ. އަދި މި މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން 2007 ގައި ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އޭނާ އަށް އެއްވެސް އަނިޔާއެއްކޮށްފައިވާ ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށާއި އަދި އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށް ބުނާ ބުނުން ވެސް ކަށަވަރުނުވާ ކަމަށެވެ. ސޮހާލު މަރުވީ އޭޕްރީލް 13 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ބަންދުން ދޫކޮށްލި ފަހުން ކަމަށް ފުލުހުން ބުނި ނަމަވެސް އެކަން ސާބިތުވާވަރުގެ ހެއްކެއް ލިބިފައިނުވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން ފުލުހުންގެ ބަންދުން ދޫކޮށްލި ކަމަށް ބުނާ ގަޑިއަށްވުރެ ފަހުން އޭނާއާ މާލެ ތެރެއިން ބައްދަލުވި ކަމަށް ހެކިބަސް ދިން ފަސް މީހުންގެ ހެކިބަހަކީ އަދުލުވެރި ހެކި ބަހެއްކަމަށް ތަހުގީގަށް ނުފެންނަ ކަމަށް ބުނެފައިވެ އެވެ.
ހުސެން ސޮލާހުގެ ޕޯސްޓް މޯޓަމް ސްރީ ލަންކާގައި ހެދުމަށް ފަހު ބުނެފައި ވަނީ އޭނާ މަރުވެފައި ވަނީ ގެނބިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ