ޕީޕީއެމް އިން ރިއާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވަނީ ވަކި ބަޔަކަށް ކަންކަން ކޮށްދޭކަށް ނޫން: މައުމޫން

ޕީޕީއެމް އިން ރިއާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވަނީ ވަކި ބަޔަކަށް ކަންކަން ކޮށްދޭން ނޫން ކަމަށް އެޕާޓީގެ އިންތިގާލީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އަށް ތ. ވިލުފުށީ ބަޔަކު ސޮއިކުރުމަށް ޝީބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމް އިން ރިއާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ ވެއަތުވި ތިން އަހަރު ގައުމަށް އައިސްފައިވާ ނުރަނގަޅު ބަދަލުތައް ރަނގަޅުކޮށް އަލުން ތަރައްގީގެ މަގުގައި އާ އަޒުމަކާއެއްކޮށް ރާއްޖެ ކުރިޔަށް ދިއުމަށް މަގު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
"...އަޅުގަނޑުމެން ޕީޕީއެމް އުފައްދާފައި މިވަނީ ހަމަ އެބޭނުމުގައި. އެއީ ގައުމަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމުގެ ބޭނުމުގައި. އެއްގޮތަކަށް ވެސް އަޅުގަނޑުމެން އެއްވެސް މީހެއްގެ އަމިއްލަ ފައިދާއަކަށް، އަމިއްލަ ކުރިއެރުމަކަށް ބަލައިގެނެއް ނޫން. މިއީ ވަރަށް ބޮޑު ހަގީގަތެއް. އިރާދަކުރެއްވިއްޔާ މި ހަގީގަތް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދޭނަން. އަދި އަޅުގަނޑުމެން މިއަންނަ އަހަރުގެ ރިއާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވަނީ ވެސް ވަކި މީހަކަށް ވަކި ބަޔަކަށް އިތުރު ގޮތްތަކެއް ހޯދައިދޭކަށް ނޫން. ފުރުސަތުތަކެއް ހޯދައިދޭކަން ނޫން. ވަކި ބަޔަކު މުއްސަނދިކުރުވާކަށް ނޫން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް އިން މަސައްކަތް ކުރަނީ ގައުމަށް ހެޔޮ ބަދަލު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެޕާޓީއާ މީހުން ގުޅެމުން ދަނީ ގައުމަށްޓަކާ ކަމަށާއި އެމީހުންގެ އިތުރު ބޭނުންތަކެއް ނެތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން ވިދާޅުވީ މިހާރު ރާއްޖޭގެ އަމަން އަމާންކަން ގެއްލި އިޖްތިމާއީ ފޭރާން ވަރަށް ބޮޑަށް ވީދިފައިވާ ކަމަށެވެ.
"އާދެ އަޅުގަނޑަށް މިވާހަކަ ދަންނަވާކަށް މާ ފަސޭހައެއް ނޫން. އެހެން ނަމަވެސް އަޅުގަނޑު ރައީސްކަމުގައި ހުރި 30 އަހަރުދުވަހުގެ ތެރޭގައި އިރާދަކުރެއްވީތީ، ރާއްޖެ ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައި. އިޖްތިމާއި ގޮތުން އިގްތިސޯދީ ގޮތުން، ތައުލީމީ ގޮތުން ސިއްހީ ގޮތުން މިހެން ކިޔާފަ ނުކިޔާނެ އެއްވެސް ދާއިރާއެއް ނޯންނާނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ތަރައްގީ އާއި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެ އަށް ލިބުނު ކުރިއެރުމުގެ ނަންބަރުތައް ފެންނަންހުންނާނެ ކަމަށެވެ. އެކަންކަމަކީ ތަރައްގީ އަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ބޮލަކަށް ޖެހޭ މިންވަރު 200 ޑޮލަރުން 4،000 ޑޮލަރާ ހިސާބަށް އެމަނިކުފާނުގެ ވެރިކަމުގައި ކުރިޔަށް ދިޔަ ކަމަށާއި ޅަފަތުގައި ކުދިން މަރުވާ ރޭޓް ދަށްކޮށް އަދި ތައުލީމީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެ ކުރިއަރައިގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެ ފަދަ ކުޑަ ގައުމަކުން ހޯދި ކުރިއެރުމާ ދޭތެރޭ ބޭރުގައުމުތަކުން ހައިރާންވާ ކަމަށެވެ. އަދި ރާއްޖެ އަށް ލިބިފައިވާ އުފެއްދުންތެރިކަމުގެ ނިސްބަތަކީ މުޅި ދެކުނު އޭޝިއާގައި ވެސް އެންމެ މަތީ އަދަދު ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދަޅުވީ ފަހަތަށް ނުބަލާ ގައުމު ކުރިޔަށް ގެންދިއުމަށް ޕީޕީއެމް އިން މަސައްކަތްކުރާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ރިއާސީ އިންތިހާބު އެޕާޓީން ކާމިޔާބު ކުރުމުން ގައުމުގެ މަންފާއާ ލާބައަށް އެޕާޓީކުރަމުން އަންނަ މަސައްކަތްތައް ކުރުމަށް މިހާރަށް ވުރެ ފަސޭހެވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވިލުފުށީން ޕީޕީއެމް އަށް އަލަށް ގުޅުނު 200 މީހެއްގެ ފޯމު ރޭ ވަނީ ރައީސް މައުމޫނާ ހަވާލުކޮށްފަ އެވެ. އަދި މި ޖަލްސާގައި ވިލުފުށިން އިތުރު 40 މީހަކު ޕީޕީއެމް އަށް ސޮއިކޮށްފައިވެ އެވެ. މި ޖަލްސާގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ