އަމީނަކީ ކުށްވެރިއެއް ކަމަށް ދެއްކުމަކީ ކޯޓުގެ ހުރުމަތް ކެނޑުން: ސުޕްރީމް ކޯޓު

ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން އަކީ ކުށްވެރިއެއް ކަމަށް ދެއްކުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމައި ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފިއެވެ.
ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރުނީ އަމީންގެ ފޮޓޯއެއް އައިއެސް ލޯގާއެކު މީޑިއާއަކުން ގެނައި ހަބަރެއްގައި ޖެހި މައްސަލަ ސުޕްރީމް ކޯޓުގެ ސަމާލުކަމަށް އޭނާ ގެނައުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އުފުލާފައިވާ ކޮންމެ މީހަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ހައްގު އެމީހަކަށް ގާނޫނު އަސާސީން ލިބިގެންވާ ކަމަށެވެ.
އެގޮތުން މިހާރު ކޯޓުގައި ހިނގަމުންދާ އަމީންގެ މައްސަލާގައި ހިޔާލުފާޅުކުރާ ފަރާތްތަކާއި ހަބަރު ފަތުރާ ފަރާތްތަކުން މައްސަލައިގެ މައުޟޫއަށް ކޯޓުން ވަކި ގޮތަކަށް ނިންމުމުގެ ކުރިން، އެ ހައްގަށް އެއްވެސް އަސަރެއް ކުރާނެ މޭރުމަކުން، މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް ވަކި ގޮތަކަށް ތަސައްވުރު ކުރުމުގެ ގޮތުން، އެއްވެސް ހިޔާލެއް ފާޅުކުރުމަކީ ނުވަތަ ހަބަރެއް ގެނެސްދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.
އަމީންގެ މައްޗަށް ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ ދައުވާ އުފުލާފައިވަނީ މީގެ ދެއަހަރު ކުރިންނެވެ.
2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަމީން ހައްޔަރުކޮށްފައިވާއިރު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާޖެއިން މީހުން ރެކްރޫޓުކޮށް ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ އެކަމަށް އެހީތެރިވެދީ ވަގިވެރިވާކަމަށް މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓް ދިނުމާއި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.
އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ވެސް ހިމެނިފައިވާ ފަރާތެކެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި އޭނާއަކީ ސީރިއާއާ އަފްގާނިސްތާނުގައި ވެސް ވަރަށް އިސްކޮށް އައިސިސްގެ ކަންކަމުގައި ހަރަކާތްތެރިވާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ