ބްރެޒިލް ރައީސްގެ މައްސަލަ ތަހްގީގުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯގެ މައްސަލަ ތަހްގީގުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިކަމުގެ އަމުރު މިނެރުނީ، ސޯޝަލް މީޑިއާ އެތައް ޕްލެޓްފޯމަކުން ވަގުތުން ދުރަށް ދައްކަމުންގެންދިޔަ ޕްރޮގްރާމެއްގައި، ކޮވިޑް ވެކްސިނަކީ އެއިޑްސްބަލި ޖެހުމުގެ ފުރުސަތު އޮތް އެއްޗެއް ކަމަށް ބޮލްސޮނާރޯ ވިދާޅުވެފައިވާ މައްސަލާގައެވެ.
މިކަން ހިނގާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ކޮވިޑް ވެކްސިނާއި އެއިޑްސްއާ ގުޅުވައި ވާހަކަ ދައްކަވާފައިވާތީ ފޭސްބުކާއި ޔޫޓިއުބުން މިހާރުވެސްވަނީ އޭނާގެ އެކައުންތައް ސަސްޕެންޑް ކޮށްފައެވެ.
ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯއަކީ ކޮވިޑްބަލި ދުނިޔެއިން ފެނުނީއްސުރެ އެއީ މާބޮޑު ބަލިމަޑުކަމެއް ނޫންކަމަށް ވިދާޅުވެ ވަކާލާތު ކުރައްވަން ފެށްޓެވި ބޭފުޅެކެވެ.
ފަހުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އޭނާ އަދިވެސް ކޮވިޑް ވެކްސިން ނުޖައްސަވައެވެ.
ކޮވިޑް ވެކްސިނާއި އެއިޑްސްއާ ގުޅުވައި ބޮލްސޮނާރޯ ދެއްކެވި ވާހަކަތައް ތަހްގީގު ކުރުމަށްފަހު އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓުގައި އެދުނީ ބްރެޒިލްގެ ސެނޭޓުގެ ތަހްގީގީ ޓީމަކުންނެވެ.
ބޮލްސޮނާރޯގެ ވާހަކަތައް ތަހްގީގު ކުރުމަށްފަހު ކޮމިޓީން ބުނެފައިވަނީ އޭނާ 9 ކުށެއް ކުރައްވާފައިވާ ކަމަށެވެ. އޭގެތެރޭގައި އިންސާނިއްޔަތާ ޚިލާފް ޖަރީމާ ހިމެނޭ ކަމަށްވެސް ކޮމިޓީން ކަނޑައަޅާފައި ވެއެވެ.
ސެނޭޓުގެ ކޮމިޓީން މައްސަލަ ތަހްގީގު ކުރުމަށްފަހު 1،300 ސަފްހާގެ ރިޕޯޓް ބްރެޒިލްގެ ޕްރޮސެކިއުޓަރ ޖެނެރަލްއަށްވެސް ފޮނުވާފައި ވެއެވެ.
ނަމަވެސް، މިހާރު ހުންނެވި ޕްރޮސިކިއުޓަރ ޖެނެރަލްއަކީ ރައީސް ބޮލްސޮނާރޯ އައްޔަން ކުރައްވާފައި ހުންނެވި ބޭފުޅެއްކަމުން އޭނާގެ ފަރާތުން ފިޔަވަޅެއް އަޅުއްވާފާނެ ކަމަށް ބްރެޒިލްގެ ގިނަމީހުން އުންމީދު ނުކުރާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ