ޝާހިދު ވަކިކުރަން ޖާބިރު ސުޕްރީމް ކޯޓަށް ދަނީ

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މިނިސްޓަރުކަމުން ވަކިކުރަން ސުޕްރީމް ކޯޓަށް ދާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ފޮރިން ސާވިސްގެ ބިލާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ބޭރު ދުނިޔެއާ ރާއްޖެ ގުޅުވައިދޭ ބޭފުޅަކީ ފޮރިން މިނިސްޓަރު ކަމަށްވާ އިރު ފޮރިން މިނިސްޓަރަކު ނެތި ރާއްްޖެ ހިންގަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އދ.ގައި ޝާހިދު އެ ހުންނަވަނީ ރާއްޖޭގެ ފައިސާ އާއި ނުގަވާއިދުން އެތައް ބިމެއް ދިނުމަށްފަހު ކަމަށް ޖާބިރު ތުހުމަތު ކުރެއްވި އެވެ. އަދި މަޖިލީހުން ޝާހިދު ވައްކެއް ނުކުރެވޭނެތީ ސުޕްރީމް ކޯޓަށްދާނެ ކަމަށް ވިދާޅުވި އެވެ.
“އޭނާ (ޝާހިދު) ސުޕްރީމް ކޯޓަށް ގޮސް ބާލާނަން. މި މަޖިލީހުން އޭނާ ބަހައްޓައިގެން ނުވާނެ. މެންބަރުން ކުށްވެރިވާނެ. އެކަމާ މަޖިލިސް މެންބަރުންނަށް ދައުވާ އަންނާނެ،” ޖާބިރު ވިދާޅުވި އެވެ.
ޝާހިދު، އދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އަދި އެ މަގާމުގެ ހައިސިއްޔަތުން ޝާހިދު ވަނީ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވެސް ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ