އަލީގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ނުގެންދަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، ޝަރީއަތަށް ހާޒިރުނުވެ އިނގިރޭސި ވިލާތުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ނުގެންދަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް މިއަދު ނެރުއްވި އަމުރުގައި ވަނީ އަލީގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް އޭނާ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް އޯޑިއޯ, ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދަން އަންގައިފަ އެވެ. އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުން މައްސަލާގައި ގޮތެއް ނިންމެންދެނެވެ.
އެ އަމުރުގައި އަލީ ވަހީދުގެ ޝަރީއަތުގެ އިތުރުން، އެހެން އެއްވެސް ޝަރީއަތެއްވެސް އޮންލައިންކޮށް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން ނެރުނު މި އަމުރަކީ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިޔުން ހުއްޓުވައިދިނުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިން ނެރުނު އަމުރެކެވެ.
ލަންޑަނުގައި ހުންނަވައިގެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އަލީ ވަހީދަށް ބައިވެރިވެވޭނެ އިންތިޒާމު އެ ކޯޓުން ހަމަޖައްސައިދީފައި ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ބުނެ އެވެ. ނަމަވެސް އެކަމާ ހިތްހަމަ ނުޖެހިގެން، ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެއީ ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް އެކޯޓުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގައި އެ މައްސަލަ ކުރިއަށްދާ އިރު, އޭގެ އަޑުއެހުމަށް ޗިޓް ފޮނުވުމުންވެސް އަލީ ވަހީދު ހާޒިރުވެފައި ނުވާތީ, ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ދެ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ