އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުގެންދަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިނުކޮށް ކުރިއަށް ނުގެންދަން އަންގައި, ސުޕްރީމް ކޯޓުން ކުރިމިނަލް ކޯޓުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި އެވެ.ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަަވައިގެން ޝަރީއަތުގައި ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމުން މިއަދު ނެރުނު އަމުރެއްގަ އެވެ.ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ އަލީ ވަހީދުގެ މައްސަލައިގައި ވެސް އަދި ކްރިމިނަލް ކޯޓުން ބަލާ އެއްވެސް މައްސަލައެއްގައި ވެސް ދައުވާ ލިބޭ ފަރާތް ރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް، ޝަރީއަތް އޯޑިއޯ/ވީޑިއޯކޮށް ކުރިއަށް ނުގެންދިޔުމަށް އަންގާ ކަމަށެވެ.މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.އަލީ ވަހީދުގެ ޝަރީއަތުގެ އިތުރުން އެހެން އެއްވެސް ޝަރީއަތެއް ވެސް އެގޮތަށް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ވަގުތީ އަމުރުގައި ބަޔާންކޮށްފައިވެ އެވެ.ސުޕްރީމް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރަކީ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިޔުން ހުއްޓުވައިދިނުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިން ނެރުނު އަމުރެކެވެ.މި ވަގުތީ އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުން މައްސަލާގައި ގޮތެއް ނިންމެންދެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ