މެއި6 ގެ ހަމަލާއާއި ގުޅޭ އައު މަޢުލޫމާތެއް މެމްބަރު ބޮންޑެ ހާމަކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6 ގައި ދެވުނު ހަމަލާގައި ނުގޮވާއޮތް އިތުރު އެއްޗެއް ވަނީ ތަޙުލީލުކުރަން ފޮނުވާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ރޭ ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ މެއި 6 ގެ ހަމަލާއަށްފަހު އެމްއެންޑީއެފުން އެ ސަރަޙައްދު ބެލިބެލުމުން ރައީސް ނަޝީދުގެ ކާރުކޮޅުގެ ދަށުގައި އޮތް ކޮންމެވެސް އެއްޗެއް ނެގިކަމަށާއި، ތަޙުލީލުތަކުން އެއްޗެއް ނުފެންނަ ކަމަށްބުނެފައިވާ ކަމަށެވެ.
އެހެންނަމަވެސް ފުލުހުން ބެލިބެލުމުން އެފްބީއައި އަށް އޭގެން އިތުރުކަންކަން ވަނީ ފާހަގަވެފައި ކަމަށާއި،އެއި ކޯޗެއްތޯ ބަލައި ތަޙުލީލު ކުރުމަށް މިހަރުވަނީ އޮސްޓްރޭލިއާއަށް ފޮނުވިފައިކަމަށް ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގައިވެސް މިކަމާއިގުޅޭ އިތުރު ތަފްސީލެއް ހޯދުމަށް ވާނީ ސުވާލުކޮށްފައިކަމަށާއި، ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް އަދި ލިބިފައި ނުވާކަމަށެވެ.
މިއާއިއެކު ބޮންޑެ ވިދާޅުވީ އެކަމުގެ ތަފްސީލެއް ނުލިބޭކަމަށް ވާނަމަ ތަޙުޤީޤެއް ކުރާއިރު ތަޙުޤީޤުގެ ހުރިހާކަމެއް ނިންމާފައި ކޯޓަށްފޮނުވާއިރު މިހުރިހާކަމެއްގެ ތަފްސީލު ހުންނަންޖެހޭނީ ލިބިފައި ކަމަށެވެ.
މީގެ އިތުރަށް ބޮންޑެ ވިދާޅުވީ އެ ފެނުނު އެއްޗަކީ ގޮވިނަމަ މީގެ 3 ގުނަ ބާރުގެ ގޮވުމެއް ގޮވާނެ އެއްޗެއް ކަމަށް ބައެއްބޭފުޅުން ވިދާޅުވާކަމަށާއި، މީގައި ނުގޮވާ އެއްޗެއް އެބައޮތްކަމަށާއި އެއީ ކޮންތާކުުން ގެނައި އެއްޗެއްތޯ ބަލަންޖެހޭކަމަށެވެ.
އަދި މިއީ ކިހިނެއް ރާއްޖެ އެތެރެވީ އެއްޗެއްތޯ ބަލަންޖެހޭކަމަށާއި، އާދައިގެ ބަޔަކަށް ނުކުރުވޭވަރުގެ ވަކި ގްރޭޑްތަކެއްގެ ގޮވާ ތަކެތި ހުންނަކަމާއި، އެވަރު އެއްޗެއް ގެނެވޭނީ ވަކި ފެންވަރެއްގެ ބަޔަކަށް ކަމަށްވެސް ބޮންޑެގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.
ބޮންޑެ ވިދާޅުވީ މިކަމުގެ މަޢުލޫމާތު ހޯދަން "މެއި6" ކޮމެޓީގައި އެދުނީ ވަރަށް ގިނަބައެއްގެ ކަންބޮޑުވުން އޮތުމާއިއެކު މިކަމާއި ގުޅޭގޮތުން ގިނަބަޔަކު ސުވާލުކުރާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ