އިންތިހާބަށް އަތް ނުބާނައިފިއްޔާ ސައްޕު ޖަހާފައި މިހާރުގެ ވެރިން ގެޔަށް ފޮނުވާލާނަން: ޔާމީން

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަތް ނުބާނައިފި ނަމަ، މިހާރު ތިބި ވެރިން ސައްޕުޖަހާފައި ބޭރުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އެހެން ވިދާޅުވީ “އިންޑިއާ އައުޓް”ގެ ނަމުގައި ށ. ފުނަދޫގައި މިއަދު ކުރިއަށްގެންދިޔަ ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، މިއަދު މި ފެންނަނީ ދިވެހީން ބޭނުންވާ ރާއްޖެއެއް ނޫން ކަމަށެވެ. އަދި މިއީ “އަނެއް ދިވެހިރާއްޖެ”އެއްވެސް ނޫން ކަމަށާއި، ރައްޔިތުން ބޭނުންވަނީ ދިވެހީންގެ މިންގަނޑުތަކުގެ މައްޗަށް ތަރުތީބުވެގެންދާނެ ފަސްގަނޑެއްގެ ގޮތުގައި މި ފަސްގަނޑު އޮތު،ަށް ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ހުރިހާ މުއައްސަސާއެއްވެސް  ޕެރަލައިޒްކޮށްލާފައި ހުރި ކަމަށެވެ. އަދި މި ސަރުކާރުގެ އެއްވެސް މައްސަލައެއް ބެލިޔަނުދޭ ކަމަށް ވިދާޅުވިއެވެ.
“އިންތިހާބު މި އޮތީ ދާދި ކައިރީގައި. މި އިންތިހާބަށް އަތް ބާނައިފިއްޔާ ދެން ރައްޔިތުންނެއް މަޑަކުން ނުތިބޭނެ. މި އިންތިހާބަށް އަތް ނުބާނައިފިއްޔާ ޝައްކެއްވެސް ނެތް ގޮތުގައި ދިވެހިން ސައްޕުޖަހާފައި މިވާރު ވެރިން ގެއަށް ފޮނުވާލާނެ” ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ އެމަނިކުފާޏުގެ ޖިހާދެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ޖިހާދެއް ކަމަށެވެ. އަދި ޓީޝާޓުތަކުން ފެންނަނީ ރައްޔިތުންގެ ޝުއޫރުތައް ކަމަށާއި، އެ ޝުއޫރުތައް ގޭގޭގެ ފާރުތަކުގައިވެސް ޖެހުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ