އިންސާފުވެރި އިންތިހާބެއް ބާއްވައިފިނަމަ މިހާރުގެ ވެރިން ގެއަށް ފޮނުވާލާނެ: ރައީސް ޔާމީން
އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ނުފޯރުވައިފި ނަމަ މިހާރު ތިބި ވެރިން ގެއަށް ފޮނުވާލާނެ ކަމަށް އިދިކޮޅު ލީޑަރު އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން އެހެން ވިދާޅުވެފައިވަނީ ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ފުނަދޫއަށް މިއަދު ވަޑައިގެން ކުރިއަށް ގެންދިޔަ ރެލީއެއްގައި ވާހަކަ ދައްކަވަމުންނެވެ. "އިންތިހާބް މި އޮތީ ދާދި ކައިރީގައި މި އިންތިހާބަށް އަތް ބާނައިފިއްޔާ ދެން ރައްޔިތުންނެއް މަޑަކުން ނުތިބޭނެ. މި އިންތިހާބައް އަތް ނުބާނައިފިއްޔާ ޝައްކެއްވެސް ނެތް ގޮތުގައި ދިވެހިން ސައްޕު ޖަހައިފަ މިހާރުގެ ވެރިން ގެއަށް ފޮނުވާލާނެ," އެއްވެފައި ތިބި މީހުންނާ މުހާތަބުކުރައްވައި ރައީސް ޔާމީން ވިދާޅުވިއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ އިތުރުން ދެން ވާދަކުރައްވަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް އަދި އެމްއެންޕީގެ ކެންޑީޑޭޓު އަބްދުލް ހައްނާނު އިދުރީސްއެވެ. ށ. ފުނަދޫގައި ރައީސް ޔާމީން މިއަދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ޕީޕީއެމް އެކަމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ, މިހާރުތިބި ހުރިހާ ސިޔާސީ ވެރިން އެއް ގަލަކަށް އެރި ނަމަވެސް އެ އިންތިހާބް އެމްޑީޕީއަށް ކާމިޔާބް ނުވާނެ ކަމަށެވެ. "ރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ވެރިން އެއްގަލަކަށް އެރިޔަސް ނިކަން ހިންގުންތެރި އެމްޑީޕީގެ އިސްވެރިންގެ މި ގާބިލްކަމެއް ނެތް. އެ އިހްލާސްތެރިކަމެއް ނެތް. ރައްޔިތުންގެ ޝުއޫރަށް އިހްތިރާމް ކުރުމެއް ނެތް. އެހެންވެގެން ދިވެހިރާއްޖެ މިއަދު މިއޮތް ހާލަތުގައި މި އޮތީ," ރައީސް ޔާމީން ވިދާޅުވިއެވެ. ރާއްޖެ މި ހާލަތުގައި މި އޮތީ ތަދުމަޑުކަމެއް ނުވަތަ ބަލިމަޑުކަމެއް އައިސްގެނެއް ނޫންކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ, ކޮވިޑުގެ ނުރައްކަލުން އަރައިނުގަނެވިގެނެއް ނޫޅޭ ކަމަށެވެ. "ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ބަރާބަރަށް ކުރޭ. ދޭން ޖެހޭ ހުރިހާ ފައިސާއެއް ރަހުމަތްތެރިންނަށް ބަހާ އެ ހަދަނީ. ހުރިހާ މުއައްސަސާއެއްގެ ބާރު އެ ވަނީ ކަނޑުވާލާފައި. ހުރިހާ މުއައްސަސާއެއް އެހުރީ ޕެރަލައިޒްކޮށްލާފައި. ވާކޮށްލާފައި. އެއްވެސް މުއައްސަސާއެއް މި ސަރުކާރު ގާނޫނާ ހިލާފަށް ކުރާ ކަމެއް ބެލޭކަށް ނެތް," ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުއްވާ ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ ސަރުކާރުން ކޯޓުތަކަށް ނުފޫޒުފޯރުވާކަމަށް ވެސް ތުހުމަތުކުރައްވާފައެވެ. އަދި ވިދާޅުވީ, ކޯޓުތަކަށް އަތާފަޔާ ބޭނުމުގެ ނަތީޖާއަކަށްވެފައިވަނީ ރައްޔިތުންގެ ދިރިއުޅުން ނިކެމެތިވުން ކަމަށެވެ. "މިއަކީއެއް ނޫން ދިވެހިރައްޔިތުން އެދޭ ދިވެހިރާއްޖެއަކީ. އަދި މިއަކީއެއް ނޫން އަނެއް ދިވެހިރާއްޖެއަކީ ވެސް. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދިވެހިރާއްޖެ. އަޅުގަނޑުމެން ބޭނުންވަނީ މި ފަސްގަނޑު," އިންޑިއާ އައުޓް ޖައްސަވައިފައިވާ ރަތްކުލައިގެ ޓީޝާޓެއް ތުރުކުރައްވައި ހުންނަވައި ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ