ސްކޫލް ސަރަހަދުތަކަށް ބަރު އުޅަނދުފަހަރަށް ނުވަދޭނެ ގަޑިތައް ކަނޑައަޅައިފި

މާލޭގެ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކަށް ބަރު އުޅނަދުފަހަރަށް ނުވަދެވޭ ގަޑިތަކެއް ކަނޑައަޅައި، ބޯޑުތަކެއް ހަރުކޮށްފި އެވެ.
ފުލުހުންނާއި މާލޭ ސިޓީ ކައުންސިލާ ގުޅިގެން، މިދިޔަ ހޮނިހިރު ދުވަހު، އެ ބޯޑުތައް ހަރުކޮށްފައި ވަނީ، މާލޭގައި ކޮންމެ ސްކޫލެއް ވެސް ނިމޭގަޑިތަކުގައި އެ ސްކޫލެއް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ޖޭމްވެ ދުއްވާ އުޅަނދުތައް ދުއްވުމަށާއި ދަރިވަރުންނަށް ހިނގާ ބިގާވެ އުޅުމަށް ދަތިވަމުންދާ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ކަމަށް ފުލުހުން ބުންޏެވެ.
ބަރުއުޅަނދު ފަހަރު ވަނުން މަނާ ގަޑިތައް އަންގައިދޭ ބޯޑު، މިހާތަނަށް މާލޭގެ ހަތް ސްކޫލެއް ހިމެނޭ ސަރަޙައްދުތަކުގައި ވަނީ ހަރުކޮށްފަ އެވެ. އެ ސްކޫލުތަކަކީ އިސްކަންދަރު ސްކޫލް، ސީއެޗްއެސްއީ މަރަދުސަތުލް އަރަބިއްޔާ، އަމީނިއްޔާ ސްކޫލް، ހިރިޔާ ސްކޫލް، ތާޖުއްދީން ސްކޫލް އަދި ޖަމާލުއްދީން ސްކޫލް ހިމެނޭ ސަރަހައްދުތަކުގަ އެވެ.
ފަރީދީ މަގުގެ ދެފަރާތުގައި އުޅަދުތައް ޕާކުކުރުމުގެ ސަބަބުން އެ މަގުގައި ދުއްވާ އުޅަނދުތަކަށް ދަތިވާތީވެ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެމަގުގެ އެއް ފަރާތުގައި ޕާކް ނުކުރެވޭނެކަން އަންގައިދިނުމުގެ ކޯންތަކެއް ވެސް މިހާރު ވަނީ ބަހައްޓާފަ އެވެ.
ފުލުހުން ބުނީ، ކޯންތައް ބަހައްޓާފައިވާ ސަރަހައްދުގައި އުޅަނދެއް ޕާކްކޮށްފައިވާ ނަމަ އެ އުޅަނދެއް ނަގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ