'ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ނުރައްކާތެރި އެއްބަސްވުންތައް އުވާލާނަން'

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ހުރިހާ އެއްބަސްވުންތައް އުވާލާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އިންޑިއާ އާއިއެކު ހަދާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅި އިންޑިއާގެ ބާރުގެ ދަށަށް ގައުމު ދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ބުނަމުންނެވެ. އެގޮތުން ދާދި ފަހުން އިންޑިއާއި ރާއްޖެއާއި ދެމެދު ފެށި ކާގޯ ފެރީގެ އަޑީގައިވެސް ގޮތް ނޭނގޭ ސިއްރުތަކެއް ވާކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.
މިކަމަށް އިޝާރާތް ކުރައްވައި ވަކި ގައުމެއްގެ ނަން ނުގެންނަވައި އާދަމް ޝަރީފު ވިދާޅުވީ 2023 ގެ ރިޔާސީ ކެނޑިޑޭޓުންގެ ލިސްޓުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ.
ކުރީގެ ރައީސް ޔާމީން މިވަގުތު ހުންނެވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގަ އެވެ. މި މައްސަލައިގެ އިސްތިއުނާފު މަރުހަލާ މިހާރު ކުރިއަށް ދާއިރު އެކަން ކާމިޔާބު ނުވެއްޖެ ނަމަ ޔާމީނަށް 2023 ގެ ރިޔާސީ އިންތިހާބަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
އެހެންނަމަވެސް އާދަމް ޝަރީފުގެ ޓުވީޓުގައި ވިދާޅުވީ އެމަނިކުފާނު ގައުމުގެ ސިޔާދަތު އަލުން ހޯއްދަވައިދެއްވާނެ ކަމަށާއި ރައްޔިތުންނަށް އަލުން ހޮދުމަތްވެސް ކޮށްދެއްވާނެ ކަމަށެވެ.
Twitter Embeded
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތު ވެފައިވާ ކަމަށް ކޯޓުން ނިންމާފައިވާއިރު އިތުރު މައްސަލަތަކެއްގައިވެސް އެމަނިކުފާނުގެ މައްޗަށް ދަނީ ތަހުގީގު ހިންގަމުންނެވެ.
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން އެންމެ ބޮޑަށް މިހާރު ދައްކަމުން ދަނީ ރައީސް ޞާލިހުގެ ސަރުކާރުން އިންޑިއާ އާއިއެކު ގުޅުން ބަދަހިކޮށް އެކި އަދަދުތަކުން ލޯނު ނަގާތީ އެކަމުގެ ކަންބޮޑުވުންތަކުގެ ވާހަކައެވެ. އެގޮތުން އިންޑިއާ ކާގޯ ފެރީގެ ހިދުމަތް ފެށިނަމަވެސް އޭގެ ސަބަބުން އެއްވެސް ފައިދާއެއް ރާއްޖެއަށް ނުކުރާނެކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ