ފުވައްމުލަކުގެ ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މަައްސަލައަށް މިއަހަރު ނިމުމުގެކުރިން ދާއިމީ ހައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ސަރުކާރުން ފުވައްމުލަކުގައި ގާއިމްކުރި ނަރުދަމާ ނިޒާމަކީ ފެއިލްވެފައިވާ ނިޒާމެއްކަމަށް ފުވައްމުލަކުގެ ރައްޔިތުން ބުނަމުންގެންދާއިރު، ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު މެދު ދާއިރާ ތަމްސީލްކުރައްވާ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވީ، ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރާއެކު މިހާރު ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.
ފުވައްމުލަކު ނަރުދަމާގެ ނިޒާމުގެ މައްސަލަ އެންމެ ބޮޑަށް މީގެކުރިން ދިމާވީ ވިއްސާރަވެ ރަށުގައި ފެންބޮޑުވުމާ ގުޅިގެންނަމަވެސް މިހާރު ނަރުދަމާގެ މައްސަލަ ރަށުގައި ފެން ބޮޑުވިޔަސް އަދި ނުވިޔަސް ދިމާވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެނުއަލް ގޮތެއްގައި ނަރުދަމާގެ މަސައްކަތް މިހާރު ނުކުރެވޭކަން ފާހަގަކޮށް މެމްބަރު ވިދާޅުވީ، ނަރުދަމާގެ މައްސަލަ ހައްލުކުރުމަށްޓަކައި ޕްލޭނިންގ މިނިސްޓްރީން މިހާރު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަަމަށެވެ.
އެކަމަށް ބޭނުންވާ ސްޕެއާޕާޓްސް ޖަރުމަނުވިލާތުން މިހާރު ގެންނަން ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި އެމަސައްކަތް އެއްކޮށް ނިންމާލާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ފުވައްމުލަކު ރައްޔިތުންނަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައަށް މިއަހަރު ނިމުމުގެކުރިން ދާއިމީ ހައްލެއްލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މެމްބަރު ހުސެއިން ވިދާޅުވިއެވެ.
ނަރުދަމާގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުންފިލުވުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުޙައްމަދު އަސްލަމްއާ ސުވާލު ކުރައްވާފައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވެފައިވަނީ ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމަކީ ވެކިއުމް ސިސްޓަމެއްގެ ތެރޭގައި އަޅާފައިވާ ނިޒާމެއް ކަމަށެވެ.
ފުވައްމުލަކު ނަރުދަމާއަށް ދާއިމީހައްލު މިއަަހަރު ނިމުމުގެކުރިން ލިބޭނެ: މެމްބަރު ހުސެއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ