ޗައިނާ ބެކްކޮށްދޭ އޭއައިއައިބީ ން 1.25 ބިލިޔަން ޑޮލަރުގެ ދެ ލޯނެއް އިންޑިއާއިން ނަގާފައިވޭ

ޗައިނާއިން އިސްވެ އޮވެގެން އުފައްދާފައިވާ އޭޝިޔަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު އިންޑިއާއިން 9 ހާސް ކްރޯޑް ރުޕީސްގެ ދެލޯނު މިއަހަރު ނަގާފައިވާކަމަށް އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފައިނޭސް އަނޫރާގު ތަކޫރު އިއްޔެ އިންޑިއާގެ ގާނޫން ހަދާ މަޖިލީހުގައި ވިދާޅުވެއްޖެއެވެ. 500 މިލިޔަން ޑޮލަރު ( 3676 ކްރޯޑް ރުޕީސް) ގެ ލޯންގައި އިންޑިއާއިން ސޮއިކުރީ މިއަހަރުގެ މޭމަހުގެ 8 ވަނަ ދުވަހުއެވެ. ލޯން ނަގާފައިވަނީ ކޮވިޑް 19 ކްރައިސިސް ރިކަވަރީ ފެސިލިޓީއެއްގެ ގޮތުގައެވެ. ބޭނުމަކީ އިންޑިއާއަށް ކޮވިޑްބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ ނުރައްކާތަކާއި ގައުމުގެ ސިއްހީ ނިޒާމު ބައްޔާއި ދެކޮޅަށް ތަޔާރު ކުރުމެވެ.
ދެވަނަ ލޯނަކީ 750 މިލިޔަން ޑޮލަރު ( 5514 ކްރޯޑް ރުޕީސް) ގެ ލޯނެކެވެ. މިލޯންގައި ސޮއިކުރީ ޖޫންމަހުގެ 19 ވަނަ ދުވަހުއެވެ. މިއީވެސް ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން އިންޑިއާއަށް ކުރިމަތިވެފައިވާ ދަތިތަކާއި އަދި އިންޑިއާގެ ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް އެހީވުމުގެ ގޮތުން ނަގަން ނިންމި ލޯނެކެވެ. އޭޝިއަން އިންފްރާސްޓަރަކްޗަރ އިންވެސްޓްމަންޓް ބޭންކާއެކު މިލޯންތަކުގައި އިންޑިއާއިން ސޮއިކޮށްފައިވަނީ ޗައިނާއާއެކު ސަރަހައްދީ ރޮގުގެ މައްސަލާގައި އަރައިރުން ހިގަމުންދަނިކޮށެވެ. މިލޯންތަކުގެތެރެއިން ފުރަތަމަ 500 މިލިޔަންޑޮލަރުގެ ލޯން ފައިސާގެތެރެއިން 251.25 މިލިޔަން ޑޮލަރު ބޭންކު އިންޑިއާއަށް ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިލޯންތަކަކީ މިހާތަނަށް އެބޭންކުން މެމްބަރ ގައުމަކަށް ދޫކުރި އެންމެ ބޮޑެތި ލޯންތަކުގެތެރޭގައި ހިމެނޭ ލޯންތަކެކެވެ. މިސްޓަރ ތަކޫރު ވިދާޅުވީ ކޮރޯނާބަލިމަޑުކަމާއިގުޅިގެން ވޯލްޑު ބޭންކުންވެސް އިންޑިޔާއިން 2.5 ބިލިޔަން ޑޮލަރުގެ ތިން ލޯނެއް ނަގާފައިވާ ކަމަށެވެ.
ޗައިނާއާއެކު ގުޅުންތައް ގޯސްވެފައިވަނިކޮށް ޗައިނާގެ ކޮންޓްރޯލް އޮންނަ ބޭންކަކުން މިދަނޑިވަޅުގައި ބޮޑެތި ލޯންތަކެއް ނެގުމުން އިދިކޮޅު ކޮންގްރެސްޕާޓީގެ ލީޑަރ ރާހުލް ގާންދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އަދި ޗައިނާއާއި ގުޅޭ ވަރަށް ތަފާތު އެހެން ޚަބަރެއްވެސް އިންޑިއާގެ މީޑިއާއިން އިއްޔެ ފާހަގަކޮށްލެވުނެވެ. އެއީ ޗައިނާ ސިފައިން އިންޑިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިއާފަޅިއަށް ވަދެ ތަޅާފޮޅައި އިންޑިއާގެ 20 ސިފައިން މަރުވެ، އެކަމުގެ ރުޅިވެރިކަން ޗައިނާއާއި ދެކޮޅަށް ވަރަށް ބޮޑަށް އިންޑިއާގައި ފާޅުކުރެވެމުންދަނިކޮށް އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަންޖަންސިންގ ޕާލަމެންޓަށް ލިޔުމުން ފޮނުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޗައިނާ ސިފައިން އިންޑިއާ ސަރަހައްދުތެރެއަށް ވޭތުވެދިޔަ ހަމަސްދުވަހުގެތެރޭގައިވެސް ވަދެފައިނުވާކަމަށެވެ. މިބަޔާނާއިގުޅިގެން އިންޑިއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މީހުން ސުވާލުކުރަނީ ސަރުކާރުން ދެފަހަރު ދެގޮތަށް ވާހަކަދައްކަނީ ކީއްވެގެންބާއެވެ. ޗައިނާ ސިފައިން އިންޑިއާގެ ސަރަހައްދަށް ނުވަންނަނަމަ އިންޑިއާ ސިފައިންގެ ވިހި މީހުން މަރުވާންޖެހުނީ ކީއްވެގެންބާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ