ހަމަލާ އަށް ފަހު މަލާލާ ފުރަތަމަ ފަހަރަށް ޕާކިސްތާނަށް

އިސްލާމްއާބާދު (މާޗް 29) - ތާލިބާނުން ދިން މަރުގެ ހަމަލާއަކުން ސަލާމަތްވި ފަހުން މަލާލާ ޔޫސުފްޒައި ފުރަތަމަ ފަހަރަށް ޕާކިސްތާނަށް ހިނގައްޖެ އެވެ.
އުމުރުން މިހާރު 20 އަހަރުގެ މަލާލާ އަށް ހަމަލާ ދިނީ އަންހެން ކުދިން އުނގެނުމަށް އޭނާ ކުރަމުން ދިޔަ ކެމްޕޭނާ ގުޅިގެންނެވެ. މަލާލާގެ ބޮލަށް 2012 ވަނަ އަހަރު ދިން ހަމަލާއާ ގުޅިގެން އޭނާ އަށް ފަރުވާދީފައި ވަނީ އިނގިރޭސި ވިލާތުގަ އެވެ. އޭނާ މިހާރު ދިރިއުޅެނީ ބާމިންހަމްގަ އެވެ.
އެންމެ ހަގު އުމުރުގައި ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ މަލާލާ ވަނީ ޕާކިސްތާނުގެ ބޮޑު ވަޒީރު ޝާހިގު ޚައްގާން އައްބާސީއާ އެކު ބައްދަލުވުމެއް ބާއްވަން ނިންމައިފަ އެވެ. ދަތުރުގެ ތަފްސީލްތައް ވަނީ ސިއްރުކޮށްފަ އެވެ.
ޕާކިސްތާން ޓީވީން ވަނީ އިސްލާމްއާބާދުގެ ބޭނަޒީރު ބުއްޓޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަލާލާގެ އާއިލާއާ އެކު ތިބި މަންޒަރު ދައްކައިފަ އެވެ. އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.
ޕާކިސްތާނުގައި މަލާލާ ހަތަރު ދުވަސް ހޭދަކުރާނެ އެވެ. އޭނާ ދަތުރުކުރީ މަލާލާ ފަންޑުގެ ބައެއް އޮފިޝަލުންނާ އެކު އެވެ. އޭނާގެ މި ދަތުރުގައި އުފަން ޓައުން ސްވަޓް އަށް ޒިޔާރަތް ކުރާނެކަން އަދި ޔަގީނެއް ނޫނެވެ.
މަލާލާ ވަނީ އުމުރުން 11 އަހަރުގައި ބީބީސީ އުރުދޫ އަށް ކޮލަމެއް ލިޔަން ފަށައިފަ އެވެ. އޭނާ އަށް ހަމަލާ ދިނީ ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ބަހުގައި އިންދަ އެވެ. އޭރު މަލާލާގެ އުމުރަކީ 15 އަހަރެވެ. ތާލިބާނުން ބުނެފައި ވަނީ މަލާލާ އަށް ހަމަލާ ދިނީ އޭނާ އަކީ ހުޅަނގުގެ އެޖެންޓަކަށް ވާތީ ކަމަށެވެ. މަލާލާ އަށް ނޯބެލް ސުލްހައިގެ އިނާމު ދީފައި ވަނީ 2014 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ