ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތައް ބެލުމަށް ސްޕްރީމް ކޯޓުން އަންގައިފި


ޕްރޮސެކިއުޓަރ ޖެނަރަލްގެ މަގާމްގައި ބޭފުޅަކު ނެތުމުން ކްރިމިނަލް ކޯޓުން މައްސަލަތައް ބެލުން ހުއްޓާލާފައިވާތީ އެކޯޓަށް ހުށައެޅި ހިނގަމުންދާ މައްސަލަތައް ހުއްޓާނުލާ ކުރިޔަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.
 
ސުޕްރީމް ކޯޓުން އިއްޔެ ކްރިމިނަލް ކޯޓަށް އަންގާފައިވާ އެންގުމުގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހިނގަހިނގާ އޮތް ގޮތުގެމަތިން ހިނގަހިނގާ އޮތުމަކީ ގާނޫނު އަސާސީގެ ދަށުން ނަގަހައްޓަންޖެހޭ ގާނޫނުގެ ހުކުމްތައް ނެގެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. އެހެންކަމުން  ކްރިމިނަލް ކޯޓަށް ހުށައެޅި ހިނގަމުންދާ މައްސަލަތައް ހިންގުމަށް ހުރަސްތައް ކުރިމަތިވިޔަނުދީ ކުރިޔަށް ގެންގޮސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަންދާ ގުޅިގެން ކޯޓުން ނެރެމުންދާ އަމުރުފަދަ ޒަރޫރީ ކަންތައްތައް ކުރިއެކޭވެސް އެއް ފަދައިން ކުރަމުން ގެންދިޔުމަށް ކްރިމިނަލް ކޯޓަށް އަންގާކަމަށްވެސް ސުޕްރީމް ކޯޓުގެ އެންގުމުގައިވެއެވެ. ޕިޖީއަކު ނެތުމުން އެކަމުގައި ސުޕްރީމް ކޯޓްގެ ލަފައެއް ލިބެންދެން މައްސަލަތައް ކުރިޔަށް ނުގެންދިޔުމާއި ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ ބުދަދުވަހުއެވެ.
 
 
ޕްރޮސެކިއުޓަރ ޖެނަރަލްގެ މަގާމުގައި ހުންނެވި އަހްމަދު މުއިއްޒް މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ފަހުކޮޅު އެ މަގާމުން އިސްތިއުފާދެއްވުމުން އެމަގާމްގެ ޒިންމާ އަދާކުރައްވަމުން އަންނަނީ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމެވެ. ޕްރޮސެކިއުޓަރ  ޖެނެރަލްގެ ގާނޫނުގައިވާ ގޮތުން ޕީޖީގެ މަގާމް ހުސްވާތާ ގިނަވަގެން ތިރީސްދުވަހުގެ ތެރޭގައި އެމަގާމަށް މީހަކު އައްޔަން ކުރަންވާނެއެވެ.ޕިޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ނަން ހުށައެޅި ބޭފުޅުންގެ ތެރެއިން ގާނޫނީ ވަކީލް މައުމޫން ހަމީދު އެމަގާމަށް އައްޔަންކުރުމަށް ރައީސް އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް  ފޮނުވާފައެވެ. އެހެންނަމަވެސް  މަޖިލީހުގެ މިއަހަރުގެ މަސައްކަތް ނިމި މަޖިލިސް ޗުއްޓީއަށް ދިޔައިރު މައުމޫން ހަމީދުގެ ނަންވަނީ ކޮމިޓީގެ ދިރާސާކުރުމުގެ މަރުހަލާގައެވެ. ޗުއްޓީއަށް ފަހު އަލުން މަޖިލިސް ހުޅުވޭނީ އަންނަ މާރޗް މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ