އަބްދުއްރަހީމްގެ ރުޅި މައުމޫން ހަމީދަށް: "އާޒިމާ އާއި އަނިލް ގާނޫނުއަސާސީ އަށް މާ މޮޅު"

ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރާއެކު ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް (އަދުރޭ)ގެ ދައުރަކީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވުމެވެ؛ ސަރުކާރަށް ކުރާ ތުހުމަތުތަކާ ދެކޮޅަށް ކޮންމެ ދުވަހަކު ވެސް ދެތިން ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި، އިދިކޮޅުގެ ބޭފުޅުންނަށް ބަހުގެ ހޫނު ހަމަލާތަކެއް ދޫކޮށްލައްވަ އެވެ. އަބްދުއްރަހީމް ފާޑުވިދާޅުވާން ޖެހޭ ބޭފުޅުންގެ ލިސްޓުގައި މިއަދު ގާނޫނީ ވަކީލް މައުމޫން ހަމީދު ވެސް ހިމަނުއްވައިފި އެވެ.
ސިޔާސީ އިދިކޮޅު ލީޑަރުން ދޫކޮށްލަން ކުރި އަމުރު ތަންފީޒުނުކޮށް، ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުކޮށް ކުއްލި ހާލަތު އިއުލާން ކޮށްގެން ސަރުކާރުން ހިންގާ ކަންކަމަށް ގާނޫނީ ގޮތުން، މައުމޫން ހަމީދު މާ ގިނައިން ފާޑުވިދާޅުވާތީ، އަބްދުއްރަހީމް ހިތްހަމަޖެހިވަޑައިނުގަތީ އެވެ.
ކޯޓުގެ ހުކުމަކީ "ބަޣާވާތެއް" ކަމަށް އަބްދުއްރަހީމް ވިދާޅުވަމުން ގެންދަވާއިރު އެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސްގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވަނީ މައުމޫން ހަމީދެވެ.
އެ ބޭފުޅުންގެ ކުށެއް ނެތް ކަން ސާބިތުކޮށްދެއްވަން ވަކީލެއްގެ ހައިސިއްޔަތުން މައުމޫން ހަމީދު ވަޑައިގަންނަވާ ރަސްމީ އިދާރާތަކުން ދޭ ޖަވާބުތަކާއި ގާނޫނުގައި އެކަން އޮންނަ ގޮތް ހާމަކުރެއްވާތީ އަބްދުއްރަހީމަށް އެއްޗެއް ވިދާޅުނުވެ ނުހުންނެވުނީ އެވެ. ސަރުކާރު ދިފާއުކުރެއްވައި އާއްމުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމުގެ އެންމެ ބުރަ ޒިންމާ މިހާރު އަދާކުރައްވަން ޖެހިވަޑައިގެންފައި ވަނީ އޭނާ އަށް ކަމަށްވާތީ އެވެ.
ޕީޕީއެމްގެ ޕްރެސް ކޮންފަރެންސެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: ސަރުކާރަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއްގެ ދިފާއުކޮށް އޭނާ ގެންދަވަނީ ވާހަކަ ދައްކަވަމުން. --ފޮޓޯ/މިހާރު
އެހެންވެ ޕީޕީއެމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މައުމޫން ހަމީދަށް ވަނީ ހޫނު ރައްދެއް ދެއްވައިފަ އެވެ. ޕީޕީއެމްގެ ޕްރެސް ކޮންފަރެންސް ހިނގަމުން ދިޔަ ވަގުތު ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް މައުމޫން ހަމީދު މީޑީއާތަކުގައި ވިދާޅުވަމުން ގެންދެވި ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ "މައުމޫނަށް ވުރެން ގާނޫނަށް މޮޅު މީހުން އެބަތިބި" ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ގާނޫނުއަސާސީ އަކީ ހަމައެކަނި މައުމޫން ހަމީދަށް އެނގޭ އެއްޗެއް ނޫނޭ. މައުމޫން ހަމީދަށް ވުރެން މާ ރަނގަޅަށް ގާނޫނުއަސާސީ ދެނެވަޑައިގަންނަވާ ބޭފުޅުން ދިވެހި ސަރުކާރުގެ ވަކީލުންގެ ގޮތުގައި އެބަތިއްބެވި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ބަންޑާރަ ނައިބު ވެސް މާ ރަނގަޅަށް ދެނެވަޑައިގަންނަވާނެ. އާޒިމާ ޝުކުރޫ ވެސް މާ ރަނގަޅަށް ދެނެވަޑައިގަންނަވާނެ. މި ގާނޫނުއަސާސީއަކީ އިދިކޮޅު ފަރާތްތަކަށް އެކަނި އޮތް އެއްޗެއް ނޫން."
އަބްދުއްރަހީމް، އާޒިމާ އާއި އަނިލް އަށް ތައުރީފް ކުރެއްވިއިރު، ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލަފާ އެރުއްވީ ބަންޑާރަ ނައިބެވެ. އެންމެ މަތީ ކޯޓުގެ އަމުރު ތަންފީޒުކުރަން ނުޖެހެނީ، ބަންޑާރަ ނައިބު ވިދާޅުވެފައިވާ ގޮތުގައި ގާނޫނުއަސާސީގެ ތަރުތީބު ގެއްލި ދައުލަތް ހުއްޓިދާނެތީ އެވެ. ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވާން ރައީސަށް އެރުވި ލަފައަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ލަފައެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން ވަނީ މި އަނިލް އާއި އާޒިމާ އަށް އަމާޒުވެފަ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ދިރާސާކުރަން އެނގޭނީ ވެސް އިދިކޮޅަށް އެކަންޏެއް ނޫނެވެ. އެއަށްވުރެ މާ މޮޅަށް ދަންނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށް ވިދާޅުވި އެވެ.
"އެހެންވެ މި ދައްކާ ވާހަަކަ އަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން. ވެގެން މިއުޅޭ ގޮތަކީ މި ރާއްޖެ އަށް އަންނަ ތަރައްގީއާ ކުރިއެރުން ފެނުނީމަ ހަޖަމް ނުވެގެން މިއުޅެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މައުމޫން ހަމީދު: އޭނާއެކު ގާނޫނީ ބަހުސަކަށް އަބްދުއްރަހީމާއި މުއައްސަސާތަކަށް ވަނީ ދައުވަތު ދެއްވާފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އަބްދުއްރަހީމްގެ މި ވާހަކަތަކުގެ ރައްދުގައި، ގާނޫނާ ޚިލާފު ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް އޭނާ ވިދާޅުވާ ވިދާޅުވުން ގާނޫނީ ގޮތުން ސާބިތުކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. އެގޮތުން، އާއްމުކޮށް ހުޅުވާލައިގެން އެކަމާ މެދު ބަހުސެއް ބާއްވަން އޭނާ ވަނީ ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލް އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން އަބްދުއްރަހީމަށް ދައުވަތު ދެއްވައިފަ އެވެ. އެ ބަހުސްގައި ބޭނުން އަދަދަކަށް ވަކީލުން ބައިވެރިކުރަންވީ ކަމަށާއި އެ ހުރިހާ ފަރާތްތަކާ ގާނޫނީ ގޮތުން ކުރިމަތިލައްވާނީ އޭނާ އެކަނި ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.
.@agofficemv @PGO_MV @mvpeoplesmajlis @PoliceMv Shall we have a public debate on the legality of the #StateOfEmergencyMV decree? Feel free to bring along as many lawyers as you like.Oh, and just to make it a more even fight, it'll be just me from this side. cc @Banafsaa pic.twitter.com/cKl68WfQLO— Maumoon Hameed (@maanhameed) February 14, 2018
އެއާއެކު މައުމޫން ހަމީދު ވިދާޅުވީ އޭނާ އަކަށް މައްސަލައަކަށް ވަނީ، އަބްދުއްރަހީމް ވިދާޅުވާ ފަދަ ބޭފުޅުން މާ މޮޅަށް ގާނޫނު އެނގިވަޑައިގެން ތިއްބަވައިގެން ވެސް ގާނޫނާ ޚިލާފު އަމަލުތައް ހިންގަވާތީ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ސައްހަ ކަމާ މެދު ބަހުސަކަށް ހުޅުވާލައްވައި މި ދެއްވި ދައުވަތަށް، އަބްދުއްރަހީމްގެ ދެން ބާއްވަވާ ނިއުސް ކޮންފަރެންސްގައި ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށް ބެލެވެ އެވެ. އެއީ، ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ކުރި ހުކުމާއި ސަރުކާރުން ގާނޫނާ ޚިލާފުވަމުންދާ ކަަމަށް ބުނާ އެންމެންނަށް އަބްދުއްރަހީމް މިހާތަނަށް ރައްދު ދެއްވަމުން ގެންދަވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ