ދައްތަ ޔުމްނާއަކީ "ސުޕަހީރޯ" އެއް: ފާރިސް މައުމޫން

އެއްބަނޑު އެއްބަފާ ދައްތަ ޔުމްނާ މައުމޫނަކީ ސުޕަހީރޯއެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ޔުމްނާގެ ކޮއްކޮ ފާރިސް މައުމޫން ޔުމްނާއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ.
އިސްލާހީ މަސައްކަތުގައި ރައީސް މައުމޫނާއިއެކު ސާބިތުވެތިއްބެވި މައުމޫންގެ ދެ ބޭފުޅުންނަކީ ޔުމްނާ މައުމޫނާއި، ފާރިސް މައުމޫނެވެ.
ފާރިސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔުމްނާ މައުމޫނަކީ ސުޕަހީރޯއެއްކަމަށެވެ. އަދި ފާރިސްގެ ދައްތަ ޔުމްނާ މައުމޫނަކީ އިންސާފުންގެ ތެރެއިން ވަރުގަދަ ޝަހުސިއްޔަތެއްކަމަށް އޭނާ ވިދާޅުވިއެވެ. ފާރިސްގެ ޓްވީޓް ނިންމާލަމުން އޭނާ ބުނެފައިވަނީ ޔުމްނާގެ އާދަޔާ ޚިލާފު ބާރަކީ ލޯބިކަމަށެވެ.
މި ޓްވީޓްގައި ފާރިސް މައުމޫން ވަނީ ޔުމްނާ މައުމޫނާއި، ރައީސް މައުމޫން އަދި ޔުމްނާގެ ފިރިކަލުންނާއިއެކު ނަންގަވާފައިވާ ދެ ފޮޓޯއެއްވެސް ހިމަނުއްވާފައެވެ.
ފާރިސްގެ މި ތައުރީފަށް ޔުމްނާވެސް ވަނީ ޝުކުރު އަދާކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.
ފާރިސް މައުމޫން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުންނެވިއިރު، އެމަނިކުފާނު އަރިހަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ޔުމްނާ މައުމޫނެވެ. އަދި ފާރިސްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކާއި ގުޅިގެން ކޯޓް ކައިރިއަށް ވަޑައިގެން ފާރިސްއަށް އެންމެ ބޮޑަށް ހިތްވަރު ދެއްވާފައިވަނީވެސް ޔުމްނާ މައުމޫނެވެ.
ފަހުގެ ތާރީޚެއްގައި ސިޔާސީ މައިދާނުން ފެނުނު އެންމެ ޒުވާން އަދި އެންމެ ހިތްވަރު ގަދަ ދެ ބޭފުޅުންނަކީ ޔުމްނާ މައުމޫނާއި ފާރިސް މައުމޫންކަމަށް ގިނަ ބަޔަކު ދެކެއެވެ.
ފާރިސް މައުމޫން ޖަލުން މިނިވަންވެފައިވީނަމަވެސް މިހާރު އޭނާ ބައްޕަ ރައީސް މައުމޫން ވަނީ ޖަލަށް ލައްވާފައެވެ. އިދިކޮޅު ތިން ލީޑަރުންނާއިއެކު ރައީސް މައުމޫން ފެއްޓެވި އިސްލާހީ މަސައްކަތުގައި ފާރިސް މައުމޫނާއި ޔުމްނާ މައުމޫން އިސް ދައުރެއް އަދާކުރައްވާއިރު، މައުމޫންގެ އަނެއް ދެ ބޭފުޅުންކަމަށްވާ ދުންޔާ މައުމޫނާއި، ގައްސާން މައުމޫން ވަނީ ސަރުކާރާއިއެކު ކުރިއަށްދާން ނިންމާފައެވެ.
ގިނަ ބަޔަކު ގެންދަނީ ގައްސާން މައުމޫނާއި، ދުންޔާ މައުމޫނަށް ނުރުހުންތެރިކަމާއިއެކު ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ