ހަތް ގަޑިއިރަށްފަހު އުކުޅަކަށް އަލުން ކަރަންޓް ދީފި

އއ. އުކުޅަސް އިންޖީނުގޭގައި މިއަދު ހެނދުނު އަލިފާން ރޯވެ ލިބުނު ގެއްލުންތަކާ ގުޅިގެން އެ ރަށުން ކަރަންޓަ ކެނޑުނުތާ އަށް ގަޑިއިރަށްފަހު، އެ ރަށަށް ކަރަންޓް ދީފިއެވެ. އެ ރަށަށް ކަރަންޓް ދީފައިވަނީ މިރޭ އިރާކޮޅު 7:00 ހާއިރުއެވެ. އެ ރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ސަން އަށް ވިދާޅުވީ އިރާކޮޅު 7 ޖެހިހާއިރު ކަރަންޓް ދީފައިވާ ކަމަށާއި ދާއިމީ ގޮތެއްގައި މައްސަލަ ހައްލު ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. ނަމަވެސް އެ ރަށުގައި މި ވަގުތު ހުރި އިންޖީނުތަކުން ރަށަށް ބޭނުންވާ ވަރަށް ކަރަންޓް ދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވިއެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ ބެލުމުގެ ދަށުން ހިންގަމުންދާ އުކުޅަސް އިންޖީނުގޭގައި އަލިފާން ރޯވެ ގެއްލުން ވުމާ ގުޅޭ ގޮތުން އެ ކުންފުނީގެ ޑައިރެކްޓަރ ރީޖަނަލް ޑިޕާޓްމަންޓްސް އަހްމަދު ޝާރްނީޒް ވިދާޅުވީ މިހާރު އެ ރަށަށް ކަރަންޓް ދެމުން ދަނީ 300 ކިލޯގެ އިންޖީނެއް ބޭނުން ކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ އެ ރަށުގައި ތިން އިންޖީނު ހުރި އިރު އަލިފާނުގެ ސަބަބުން ގެންލުންވެފައި ވަނީ 200 ކިލޯވޯޓްގެ ޖަނަރޭޓަރަކަށް ކަމަށާއި އިންޖީނުގޭގެ ތިން ބައިކުޅަ އެއްބައި ހަލާކުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އުކުޅަސް އިންޖީނުގޭގައި ރޯވެ ގެއްލުން ވެފައިވައިރު އެ ރަށަކީ އާންމު ގޮތެއްގައި އެންމެ ބާރު ބޮޑު ވަގުތުތަކުގައި 280 ކިލޯ ވޯޓްގެ ކަރަންޓް ބޭނުން ކުރާ ރަށަކަށްވާއިރު މިހާރު ހުރި 112 އަދި 300 ކިލޯވޯޓްގެ ޖަނެރޭޓަރުން ރަށަށް ކަރަންޓް މެދުނުކެނޑި ދެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އުކުޅަހު އިންޖީނުގެ ހިންގަމުން އަންނަ ސްޓެލްކޯއިން ބުނީ އަލިފާން ރޯވެފައިވަނީ އިންޖީނުގޭގެ ފިއުލް ޝެޑްގައި ކަމަށެވެ. އަދި އަލިފާން ރޯވެފައި ވަނީ މިއަދު ހެނދުނު 10:55 އެހާއިރުއެވެ. އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ އާންމުންނާއި ސިފައިން އަދި ފުލުހުން ގުޅިގެން ކުރި މަސައްކަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ