އަބުރުގެ ބިލާއި ދެކޮޅު ކަމަށް ވިދާޅުވުމަށްފަހު ވޯޓުގެ ކުރިން ގާސިމް ރާއްޖެ ދޫކޮށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޚިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ބިލާއި ދެކޮޅު ކަމަށާއި އެބިލަށް ޖައްސަވާނީ "ސީދާ ރެޑް" ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި ނަމަވެސް ބިލަށް ވޯޓަށް އެހުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރާއްޖެ ދޫކުރައްވާ ވަޑައިގެންފިއެވެ.
ބިލް އިސްލާހުކޮށް ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައި ވާއިރު ބިލް ފާސްކުރުމާއި މެދު މާދަމާ މަޖިލީހުން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. މަޖިލީހުގެ ޤަވައިދު ބުނާ ގޮތުގައި ބިލް ފާސްވެއްޖެ ކަމަށް ބަލާނީ ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތު ބިލަކަށް ލިބުމުން ކަމަށް ވާތީ ބިލާއި ދެކޮޅު މެންބަރުންގެ އަދަދު މަދުވުމަކީ ބިލް ފާސްކުރަން ފަސޭހަވާނެ ސަބަބެކެވެ.
މާދަމާ މިބިލް ފާސްކުރަން ތައްޔާރުވެފައި ވަނިކޮށް ގާސިމް ފުރައިވަޑައިގެންނެވީ ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ކަމަށް ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ބެންކޮކަށް ވަޑައިގެންނެވީ އޭނާގެ އަނބިކަނބަލެއްގެ މަންމަ ވަރަށް ބޮޑަށް އާލާސްކަންފުޅާއި އުޅުއްވާތީއެވެ.
ގާސިމް މިދިޔަ ހަފްތާގައި ބައެއް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ އަބުރާއި ބެހުން މަނާކުރާ ބިލަކީ ކޮރަޕްޝަން ހިންގަން ހުޅުވާލެވޭ ދޮރެއް ކަމަށާއި އެ ބިލާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ