ސުޕްރީމް ކޯޓުން އަންގައިގެން ހަތް ފަނޑިޔާރެއްގެ ކޯޓު ބަދަލުކޮށްފި

ސުޕްރީމް ކޯޓުން ހަތް ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓު ތަކަށް ބަދަލު ގެންނަވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދިވަޑައިގެންނެވުމުން ސުޕްރީމް ކޯޓުން އެދިވަޑައިގެންނެވި ގޮތައް އެހަތް ފަނޑިޔާރުން މަސައްކަތް ކުރައްވަމުން ގެންދެވި ކޯޓުތަކަށް ޖޭއެސްސީ އިން ބަދަލު ގެންނަވަައިފިއެވެ.
ޖޭއެސްސީ އިން ނެރެފައިވާ ކުރު ބަޔާނެއްގައި ވިދާޅުވީ "ދަށުކޯޓު ތަކުގެ ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމާ ބެހޭ އުޞޫލުގެ ދަށުން ހަތް ފަނޑިޔާރަކު، މިހާރު މަސައްކަތް ކުރައްވާ ކޯޓު ނޫން އެހެންކޯޓުތަކަށް ބަދަލުކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ހުށަހެޅި ހުށަހެޅުންތަކަށް ރިޢާޔަތްކޮށް ހަތް ފަނޑިޔާރަކު އެހެން ކޯޓުތަކަށް ބަދަލުކޮށްދިނުމަށް ކޮމިޝަނުން މިއަދު ނިންމައިފި" ކަމަށެވެ.
ޖޭއެސްސީގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ސައީދު އިބްރާހިމް ޖުވެނައިލް ކޯޓަށް ބަދަލުކުރައްވާފައިވާ ކަމަށެވެ.
ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ކްރިމިނަލް ކޯޓަށް ބަދަލުކުރެއްވިއިރު ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު އީސާފުޅު ބަދަލުކުރެއްވީ ޖުވެނައިލް ކޯޓަށެވެ. ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އައްޝައިޚް މުޙައްމަދު ނައީމް ބަދަލުކުރެއްވީ ޑްރަގް ކޯޓަށެވެ. ކ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓް އަލްފާޟިލް މޫސާ ނަސީމް ގދ.ގައްދޫ ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް ބަދަލުކުރެއްވި އިރު ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް އަލްފާޟިލް އަބްދުލްޣަފޫރު ބަދަލުކުރެއްވީ ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމަށެވެ. ވ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ރާޣިބް ބަދަލުކުރެއްވީ ކ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމަށެވެ.
ހަތް ފަނޑިޔާރަކު މަސައްކަތް ކުރައްވާ ކޯޓު ބަދަލުކުރައްވަން ސުޕްރީމް ކޯޓުން ޖޭއެސްސީގައި އެދިވަޑައިގެންނެވީ ކީއްވެ ކަމެއް ސުޕްރީމް ކޯޓުން ވެސް އަދި ޖޭއެސްސީއިން ވެސް ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ