އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް ގެޒެޓް ކޮށްފި

ޑިސެމްބަރު 1 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި-އިލެކްޝަނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ބުރާސްފަތި ދުވަހު ގެޒެޓްގައި ޝާޢިއުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގެ ވެބްސައިޓް (http://www.gazette.gov.mv) ގައްޔާއި ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގެ އިތުރުން މި ބައި-އިލެކްޝަނަށް ނިސްބަތްވާ ކައުންސިލްތަކުގެ އިދާރާތަކުގައި ފެންނަން ހުންނާނެ ކަމަށާއި އަދި 1414 އަށް އެސް.އެމް.އެސް. ފޮނުވައިގެން ވެސް ލިސްޓުގައިވާ މަޢުލޫމާތު ޗެކްކުރެވޭނެ ކަމަށެވެ.
ގެޒެޓް ކުރެވިފައިވާ މި ލިސްޓަށް ޢާންމު ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާއިބެހޭ ޝަކުވާ ހުށަހަޅާ ފޯމުން، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ނުވަތަ މި ބައި-އިލެކްޝަނަށް ނިސްބަތްވާ ކައުންސިލްތަކުގެ އިދާރާތަކަށް ކަމަށް ވެސް އިލެކްޝަނުން ބުނެ އެވެ.
މި ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ބައި-އިލެކްޝަނަށް ނިސްބަތްވާ ކައުންސިލްތަކުގެ އިދާރާތަކުންނާއި އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެ ކަމަށާއި ޝަކުވާ ހުށަހެޅުމުގެ މުއްދަތަކީ އޮކްޓޯބަރ 11 ން ފެށިގެން އޮކްޓޯބަރ 20 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 2:30 އަށެވެ. އަދި ސަރުކާރު ބަންދު ދުވަސްތަކުގައި މެންދުރުފަހު 2:30 ން ހަވީރު 4:30 އަށެވެ.
އުނގޫފާރު ދާއިރާގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 2680 މީހުން ތިބި ކަމަށް ގެޒެޓްގައިވެ އެވެ. އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހުނީ އެ ދާއިރާގެ މެމްބަރު ޑރ. އަފްރާޝިމް އަލީ ރަހުމުކުޑަ ގޮތަކަށް އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ