ރައީސް ވަހީދު މަގާމުގެ ދެމިހުރުމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމަށް ގާސިމް ގޮވާލައްވައިފި

ގައުމުގެ މަސްލަހަތަށްޓަކައި ނޮވެމްބަރު 11 ގެ ފަހުން ރައީސް ކަމުގައި ދެމިހުރުމުގެ ލަފާފުޅަކަށް އެދުމަށް ރައީސް މުހައްމަދު ވަހީދަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ގޮވާލައްވައިފި އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ގުޅުމުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މިއަންނަ މަހުގެ 11 ވަނަ ދުވަހު ރައީސަކު އިންތިހާބު ނުކުރެވިއްޖެނަމަ ގާނޫނީ މައްސަލަތަކެއް ގައުމަށް ދިމާވެދާނެތީ މަޖިލީހުގެ ލަފާފުޅަކަށް އެދުނު ފަދައިން ސުޕްރީމް ކޯޓުގެ ލަފާފުޅަކަށް ވެސް ރައީސް ވަހީދު އެދިވަޑައިގަތުމަށް ގޮވާލާ ކަމަށެވެ.
"އަޅުގަނޑު ރައީސް ވަހީދަށް ދަންނަވާނީ ރައްޔިތުން މަޖިލީހަށް ލިޔުއްވި ފަދައިން ގާނޫނު އަސާސީގައި ވާގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ލަފާފުޅެއް ވެސް ހޯއްދެއްވުމަށް ލިޔުއްވުން ކީއްތޯއޭ،" ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސް ވަހީދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބު ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ތާރީހުތަކުގައި އިންތިހާބު ބާއްވާ ނަމަ ނޮވެމްބަރު 11ގައި ރިޔާސީ ދައުރު ހަމަވެގެންދާއިރު ވެސް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އިންތިހާބު ކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެފަދަ ހާލަތަކީ ގާނޫނީ މައްސަލަތަކެއް ދިމާވާނެ ހާލަތަކަށް ވާތީ އެ މައްސަލައަށް މަޖިލީހުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް ރައީސުލްޖުމްހޫރީއްޔާއަކު އިންތިހާބު ކުރަން ޖެހޭ ތާރީހަށް ރައީސުލްޖުމްހޫރީއްޔާ އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ވެރިކަން ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ރިޔާސީ އިންތިހާބަކީ ވަކިފަރާތަކަށް ބުރަ ނުވެ ބޭއްވޭ އިންތިހާބަކަށް ހެދުން މުހިއްމުކަމަށް ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ގައުމަށް ރައީސަކު އިންތިހާބު ވަންދެން ގައުމުގެ ރައީސް ކަމުގައި ދެމިހުރަމަށް ޖުމްހޫރީ ގުޅުމުގެ ފަރާތުން އެދޭކަމެއް ކަމަށެވެ. އަދި އެކަމަކީ ގައުމުގެ މަސްލަހަތާ އަމާންކަމަށްޓަކައި ދެފުށްފެންނަ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ވަރަށް މުހިއްމު ކަމެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ގައުމުގެ މުސްތަގު ބަލު އާރާސްތު ކުރެވޭނީ ދިވެހިން އެއްބައިވަންތަ ވެގެން ކަމަށެވެ. އެގޮތުން ކޮންމެ ރައީސަކު އިންތިހާބު ވެގެން އައިކަމުގައި ވީނަމަވެސް އަތުގުޅާލައިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި އިންސާފުވެރި އިންތިހާބަކުން އިންތިހާބުވާ ރައީސަކާއި އެކު ޖުމްހޫރީ ގުޅުމުންވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.
"އިންސާފުވެރި އިންތިހާބަކުން އިންތިހާބު ކުރެވިގެން އަންނަ ބޭފުޅަކަށް އަޅުނގަޑުމެން އެއްވެސް ރުޅިކަމެއް ނެތި އަތުގުޅާލައިގެން އެބޭފުޅަކާއި އެކު މަސައްކަތްކުރުމަށް ތިބިވާހަކަ ޖުމްހޫރީ ގުޅުމުން ހާމަކުރަން،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ