"އިސްލާމްދީނަށްޓަކައި 2018 ގައި އަދާލަތުން ކެނޑިޑޭޓެއް ނެރުން އެކަށީގެންވޭ" - ޒާހިރު

މި ދިވެހި ގައުމާއި އިސްލާމްދީނާއި އަދި ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކާ 2018 ގެ ރިޔާސީ އިންތިޙާބަށް އަދާލަތު ޕާޓީން ކެނޑިޑޭޓެއް ނެރުން އެކަށީގެންވާކަމަށް އެޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ފ. މަގޫދޫގައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާގައި ޒާހިރު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ނެރޭ އެއް ކެނޑިޑޭޓަކަށް ތާޢީދުކުރުމަށް އަދާލަތުން ނިންމި ނަމަވެސް އެފަދަ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަދާލަތުން ވަކި ކެނޑިޑޭޓަކު ނެރޭނެކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެއް ކެނޑިޑޭޓަކު ނެރުމާމެދު އިދިކޮޅު ޕާޓިތަކުގެ މެދުގައި މިހާރު ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން ކުރީގެ ރައީސް މަޢުމޫނާ، ނަޝީދުގެ އިތުރުން އުމަރު ނަޞީރު އެއް މޭޒެއްގެ ދޮށުގައި މަޝްވަރާކުރުމަށް މިހާރު ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.
ރޭގެ ޖަލްސާގައި ޒާހިރު ވިދާޅުވީ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތް ނުކުރެވުނު ކަމުގައި ވިޔަސް، ރައީސް އަބްދުﷲ ޔާމީން ފަސޭހަކަމާ އެކު ބަލިކުރެވެން ޖެހޭނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ވާދަކުރުމާ ގުޅޭ ގޮތުން މިހާތަނަށް ގޮތެއް ނިންމާފައި ވަނީ އަދާލަތު ޕާޓީގެ އިތުރުން އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީންނެވެ.
ޖުމްހޫރީ ޕާޓީގެ އިތުރުން ކުރީގެ ރައީސް މަޢުމޫނު އަދި މިކަމުގައި ހުންނެވީ ހަނުކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ