މިދިޔަ 2020 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 232 މައްސަލައެއް ކޯޓަށް ހުށައަޅާފައިވާނެކަމަށާއި، އެހެންނަމަވެސް ކޯޓުން ބެލީ އެންމެ ދެ މައްސަލަކަމަށް ޕްރިސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީގެ "ޕާސަނަލް ބްލޮގް"ގައި ލިޔެފައިވާ ލިޔުމެއްގައި މިދިޔަ 2020 ވަނަ އަހަރާއި 2019 ވަނަ އަހަރު، ކުޑަކުދިންނަށް ކުރި ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއިން އެ އޮފީހަށް ހުށައަޅާފައިވާ ތަފަސްހިސާބުތައް ވަނީ ހިއްސާކޮށްފައިވެއެވެ.
އެގޮތުން 2019 ވަނަ އަހަރު ޕީޖީ އޮފީހުން ކޯޓުތަކަށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 23 ބާވަތެއްގެ 142 ދަޢުވާއް ހުށައަޅާފައިވާއިރު، ދަޢުވާ ލިބުނީ 102 މީހުންނަށެވެ.
އެއަހަރު މަހަކު އެވްރެޖްކޮށް 12 މައްސަލަ ކޯޓަށް ހުށަހަޅަމުން ގެންދިޔައެވެ. އެގޮތުން އެންމެ ގިނައިން ހުށައަޅާފައިވަނީ، މާލޭގެ ކޯޓުތަކަށެވެ. މާލޭގެ ކޯޓުތަކަށް 70 މައްސަލައެއް ހުށައަޅާފައިވާއިރު، ހައްދުންމަތީގެ އެކި ކޯޓުތަކަށް 14 މައްސަލައެއް ހުށައާޅާފައިވެއެވެ.
އެއަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، 10.5 އިންސައްތަ ނުވަތަ 15 މައްސަލައިގައި، އެއަހަރު ތެރޭގައި ކޯޓުން ހުކުމްކޮށްފައިވެއެވެ. 2019 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަދިވެސް ނުނިމި ކޯޓުތަކުގައި 60 އިންސައްތަ ނުވަތަ 85 މައްސަލައެއް ހިނގަމުންދާކަމަށް ޕީޖީ ފާހަގަކުރައްވާފައިވެއެވެ.
2020 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 29 ބާވަތެއްގެ 232 ދަޢުވާ ކޮޓުތަކަށް ހުށައަޅާފައިވާއިރު، ދަޢުވާ ލިބުނީ 169 މީހުންނަށެވެ.
މިދިޔަ އަހަރު މަހަކު އެވްރެޖްކޮށް 19 މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، މިއީ 2019 ވަަނަ އަހަރާއި އަޅާބަލާއިރު، މަހަކު އެކަނިވެސް 6 މައްސަލައިގެ ކުރިއެރުމެކެވެ. އެންމެ ގިނައިން އެއަހަރުވެސް މައްސަލަ ހުށައަޅާފައިވަނީ މާލޭގެ ކޯޓުތަކަށެވެ. އެގޮތުން މާލޭގެ ކޯޓުތަކަށް 115 މައްސަލައެއް ހުށައަޅާފައިވާއިރު، ފުވައްމުލަކަށް 14 މައްސަލައާއި ހުވަދުއަތޮޅު ދެކުނުބުރީގެ ކޯޓުތަކަށް 13 މައްސަލައެއް ހުށައަޅާފައިވެއެވެ.
އެއަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، އެއަހަރު ކޯޓުތަކަށް ނިންމުނީ އެންމެ ދެ މައްސަލަކަން ޕީޖީ ވަނީ ފާހަގަކުރައްވާއެވެ.
އެއީހއ. މާރަންދޫ މެޖިސްޓްރޭޓު ކޯޓަށް، 10 ޖަނަވަރީ 2020 ދުވަހު ހުށައެޅި މައްސަލައަކާއި ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް، 1 އޭޕްރީލް 2020 ދުވަހު ހުށައެޅި މައްސަލައެކެވެ.
މިއީ، އެއަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ބަލާއިރު 0.68 އިންސައްތަ މައްސަލައެވެ. ޖުމްލަ މައްސަލައިގެ 89 އިންސައްތަ ނުވަތަ 207 މައްސަލަ އަދިވެސް ނުނިމި ހިނގަމުންދާކަމަށް ޕީޖީ ލިޔުއްވާފައިވެއެވެ.
މިދިޔަ ދެއަހަރު ހުށަހެޅި 374 މައްސަލައިގެ ތެރެއިން މި ދެއަހަރު ޝަރީޢަތުން ހުކުމަކާ ހަމައަށް ދެވިފައިވަނީ 17 މައްސަލައިގައެވެ.
2019 ވަނަ އަހަރާ އަޅާ ބަލާއިރު، 2020 ވަނަ އަހަރު ދަޢުވާ ކުރެވުނު މީހުންގެ ޢަދަދު 65 އިންސައްތަ އިތުރުވުމުގެ މާނައަކީ، ރައްޔިތުންގެ އިތުބާރު މިނިޒާމަށް އިތުރުވުންކަމަށް ޕީޖީ ލިޔުއްވާފައިވާ ލިޔުމުގައި ފާހަގަކުރައްވާފައިވެއެވެ.
ތަފާސް ހިސާބުގެ އަލީގައި، ކުށްކުރާ މީހުންގެ ޢުމުރާއި، ކުށްކުރާ ތަނާއި، އަތޮޅާއި ރަށާއި، މީހުންގެ ފަސްފަހަތް ބަލަމުންދާކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ، ކުށްކުރާ ދުވަސްވަރާއި، އެދުވަސްވަރު ކުށް ކުރުމަށް ހުރި އެހެނިހެން ސަބަބުތައް ދެނަގަނެ، ކުރިއަށް އޮތް ތަނުގައި ކުށުން ރައްކާތެރި މާޙައުލެއް ޤާއިމުކުރަން މިތަފާސްހިސާބުތަކުގެ ބޭނުން ފުޅާ ދާއިރާއެއްގައި ކުރެވޭނެކަމަށެވެ.
ޖިންސީ ގޯނާކުރުމުގެ 232 މައްސަލައެއް ހުށަހެޅި، ކޯޓުން ބެލީ އެންމެ ދެ މައްސަލަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ